ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިވެހިރާއްޖެ އިސްލާމީ ވަރުގަދަ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރާނެ: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ : ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ : ރައީސް އޮފީސް

ދިވެހިރާއްޖެ އިސްލާމީ ވަރުގަދަ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރާނެ ކަމުގައި ރައީސް ޑރ. މުޢިއްޒުވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެއަކީ އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި މުސްލިމު އުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމަށެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ، ދިވެހީންގެ ޤައުމީ ޙަޔާތަށް އެންމެ ހެޔޮ ބަދަލެއް ގެނުވި އިލާހީ ނިޢުމަތަކީ، ދިވެހި ހުރިހާ ރައްޔިތުން އިސްލާމްދީން ޤަބޫލުކުރުން ކަމަށެވެ.

ރައީސް ވިދާޅުވީ، މީގެ 899 އަހަރު ކުރީން ރާއްޖެ އިސްލާމްވީ ހާދިސާއިން ގިނަގުނަ ޢިބްރަތްތަކެއް ލިބޭކަމަށެވެ. އެދުވަހުއްސުރެ މިހާތަނަށް 9 ޤަރުނު ފާއިތުވިއިރުވެސް ދިވެހީން ތިބީ ސައްތައިންސައްތަ މުސްލިމުންގެ ގޮތުގައި ކަމަށާއި، އިސްލާމްދީން ނޫން އެހެން ދީނަކަށް މި ބިމުން ޖާގަނުދީ، އަދި އިސްލާމީ އުސޫލުތަކާ ބީރައްޓެހި ކޮންމެ ކަމެއް މި ފަސްގަނޑުން ލުހެލުމުގެ ސާބިތު ޢަޒުމާއެކުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެ އިސްލާމްވުމަށް މެދުވެރިކުރެއްވި އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީއާއި، އެދުވަހުން ފެށިގެން އިސްލާމްދީނުގެ ޝިޢާރުތައް މި ދީބުގައި ނެގެހެއްޓެވި ރަސްރަސްކަލުންނާއި، ވެރީންނާއި، ޢާލިމުންނާއި، ހެޔޮކަންކަމަށް މަގުދެއްކެވި ހިންމަތްތެރީންނަށް ރައީސް ވަނީ ޝުކުރުއަދާކުރައްވައި އެބޭފުޅުންނަށް ހެޔޮ ދުޢާ ކުރައްވާފައެވެ.

ރައީސް ވިދާޅުވީ، އިސްލާމްދީނަކީ އަޚްލާޤް ރަނގަޅު ހެޔޮލަފާ އިންސާނަކު ބިނާކޮށްދޭ ދީނެއްކަމަށެވެ. އެގޮތުން، ޤައުމީ ތަރައްޤީއާއެކު ރައްޔިތުންނަށް ދީނީ ތަޢުލީމާއި ތަރުބިއްޔަތު ދިނުމާއި، ދީނަށް ލޯބިކުރާ، އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި ދިވެވެހިރާއްޖެ ދެމެހެއްޓުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތުކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ހާމަކުރެއްވި ގޮތުގައި، މި ވޭތުވި 9 ޤަރުނުގެ ތެރޭ، ދިވެހީންނަކީ މެހުމާނުންނަށް ކަމޭހިތާ، އަމާންކަމާއި ހަމަޖެހުން ނަގަހައްޓާ ބައެއްކަމަށް ބޭރުގެ މުއައްރިޚުންވެސް އެއްބަސްވެއެވެ. އަދި ރާއްޖޭގެ ރީތިކަމާއި ހިތްގައިމުކަން ދުނިޔެއަށް ފެންނަނީ ދިވެހީންގެ ކިބައިގައި އަށަގެންފައިވާ އިސްލާމީ އަޚުލާޤުގެ ރީތި ސިފަތަކާ އެކުކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަންނަ އަހަރަކީ ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރޭ މުހިންމު މުނާސަބަތުކަމަށާއި، މި މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމަށް މުޅި ރާއްޖޭގައި އިސްލާމީ އަދި ޤައުމީ ރޫޙު އާލާވެ، އަދި ރައްޔިތުންގެ ބަދަހިކަން އިތުރުކޮށްދޭނެ އެތައް ޙަރަކާތެއް ސަރުކާރުން ހިންގުމަށް ގަސްދުކުރާކަމަށެވެ. އެމަނިކުފާނުގެ ޚިޠާބު ނިންމަވާލެއްވީ އިސްލާމީ ޤައުމެއްގެ ގޮތުގައި ރާއްޖޭގެ ޤަދަރާއި އިޙްތިރާމް އިތުރުކުރައްވައި، އަބަދަށްޓަކައި ދިވެހި ރައްޔިތުންނަށް ﷲގެ އޯގާވަންތަކަމާއި ބަރަކާތް ދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.