ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިލުފުށީގައި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ވިލުފުށީގައި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޕާސްޕޯޓް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ތ. ވިލުފުށީގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ދާޚިލީ ކަންކަމާ ބެހޭ ވަޒީރު އަލީ އިޙްސާންއެވެ.
ޕާސްޕޯޓް ޚިދުމަތް ވިލުފުއްޓަށް ތަޢާރަފްކުރުމަކީ ރައީސް މުޢިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމެވެ.

މިހާރު މާލެ، ހުޅުމާލެ (ފުރަތަމަ އަދި ދެވަނަ ފިޔަވަހި) އަދި ވިލިމާލެ ފަދަ ތަންތަނުން ވެސް ޕާސްޕޯޓް ޚިދުމަތް ލިބެން ހުރިއިރު، ރައީސް ޑރ. މުޢިއްޒުގެ ވަޢުދަކީ މި ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމެވެ.

މިއީ ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.