ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

‏ތ. ވިލުފުށީ ބިން ހިއްކުމާއި އެއަރޕޯޓްގެ އަމަލީ މަސައްކަތް ފަށައިފި‏

‏ތ. ވިލުފުށީ ބިން ހިއްކުމާއި އެއަރޕޯޓްގެ އަމަލީ މަސައްކަތް ފަށައިފި‏

ތ. ވިލުފުށީ ބިން ހިއްކުމާއި އެއަރޕޯޓް މަޝްރޫއުގެ އަމަލީ މަސައްކަތް ‏‏ފަށައިފިއެވެ‏‎.‎

‏މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިލުފުއްޓަށް ކުރެއްވި ‏‏ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ‏‎.‎

‏އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ވިލުފުށި އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމަށް ‏‏މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ‏‏(އެމްއޭސީއެލް)އާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ‏‎.‎

‏އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ‏‏މުހައްމަދެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ‏‏ޒަމީރެވެ‏‎.‎

‏މި މަޝްރޫއުގެ ދަށުން ވިލުފުށި އެއަރޕޯޓް ތަރައްގީ ކުރާނީ 1,800 މީޓަރު ދިގު ރަންވޭއަކާއި ފުރިހަމަ ‏‏ޓަރމިނަލްއަކާއި އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކުއެވެ‏‎.‎

‏ވިލުފުށީ ރައްޔިތުންނާއެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ރައީސް ވަނީ ވިލުފުށީ އެއާޕޯޓަކީ ތ. އަތޮޅަށް ވަރަށް ‏‏މުހިންމު މަޝްރޫއުއަކަށްވާތީ ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި އެއަރޕޯޓްގެ މަސައްކަތް ނިންމައި ‏‏ހުޅުވާނެ ކަމަށް ވިދާޅުވެފައެވެ.‏