ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލޭގެ މަގުތައް ރައްކާތެރިކުރުމަށް ސްޕީޑް ބަމްޕް ހަރުކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭގެ މަގުތައް ރައްކާތެރިކުރުމަށް ސްޕީޑް ބަމްޕް ހަރުކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓު މަދު، ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑެތި މަސައްކަތްތަކެއް ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން، ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި އިތުރު ސްޕީޑް ބަމްޕްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގެ މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ، އެކްސިޑެންޓްތައް ހިނގުން މަދުކުރުމެވެ. މީގެ އިތުރުން، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަކީވެސް އެޗްޑީސީން ކުރަމުންދާ މަސައްކަތެކެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި، ހުޅުމާލޭގެ 88 ސަރަޙައްދެއްގައި ސްޕީޑް ބަމްޕް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި ވަގުތު މި މަސައްކަތް ކުރިއަށްދަނީ ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގު ސަރަޙައްދުގައެވެ.

ހުޅުމާލޭގެ މަގުތައް އެކްސިޑެންޓު މަދު، ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު ބައެއް ސަރަޙައްދުތަކުގައި ވައްބުރު ޤާއިމްކޮށް، ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުގެ މަސައްކަތް އެ ކުންފުނިން ފެށީ މިދިޔަ އަހަރުއެވެ.

ސްޕީޑް ބަމްޕްތައް ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިމުމުން، ހުޅުމާލޭގެ މަގުތަކުގައި ބާރު ސްޕީޑުގައި ވެހިކަލްތައް ދުއްވުން ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށް އެޗްޑީސީން ލަފާކުރެއެވެ. މީގެ ސަބަބުން ވެހިކަލްތަކާއި މަގުތައް ބޭނުންކުރާ ހުރިހާ ފަރާތްތަކަށްވެސް އަމާންކަމާއި ރައްކާތެރިކަން އިހުސާސް ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.