ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނުނިމޭ މަޝްރޫޢުތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާ ދޫކޮށްފައިވޭ: ރައީސް

ނުނިމޭ މަޝްރޫޢުތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާ ދޫކޮށްފައިވޭ: ރައީސް

ސްކޫލުތަކާއި ސިއްޙީ މަރުކަޒުތައް ޢިމާރާތްކުރުން ފަދަ ބިނާކުރުމުގެ އެތައް މަޝްރޫޢުތަކެއް ކުރީގެ ސަރުކާރުން ހަވާލުކޮށްފައިވަނީ، މަސައްކަތް ނިމުނު މިންވަރަށް ވުރެ ގިނައިން ފައިސާ ދޫކޮށްފައިވާ ގޮތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިފަދަ ބައެއް މަޝްރޫޢުތައް ހަވާލުކުރި ކޮންޓްރެކްޓަރުން "ފިލާފައި" ހުރި ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ތ. ކަނޑޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ކަނޑޫދޫގެ ސިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓިފައިވަނީ ފައިސާގެ ދަތިކަމެއްގެ ސަބަބުން ނޫން ކަމަށެވެ. އެގޮތުން، ގިނަ ޢިމާރާތްކުރުމުގެ މަޝްރޫޢުތަކަކީ ކުރި މަސައްކަތަށްވުރެ އިތުރަށް ނުވަތަ ހަމައަށް ފައިސާ ދީފައިވާ މަޝްރޫޢުތައް ކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ފާއިތުވި އަހަރެއްހާ ދުވަހު މަސައްކަތްކުރީ، އެފަދަ މަޝްރޫޢުތައް ހަވާލުވެފައިވާ ކޮންޓްރެކްޓަރުން ލައްވައި ނިންމުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިކަން ވެސް ފުރަތަމަ ބެލީ ކުރަމުންދިޔަ ފަރާތް ލައްވައި މަސައްކަތްކުރެވޭތޯ. ދެން އެހެން ނަމަވެސް އެކަމެއް ނުވި. ގާތްގަޑަކަށް އަހަރަކަށް ވުރެ ގިނަ ދުވަސް މިބެލީ ކޮންޓްރެކްޓަރު ލައްވައި މަސައްކަތްކުރަން. ޢިމާރަތްކުރުމުގެ މަޝްރޫޢުތަކުގައި މިކަހަލަ ޢިމާރަތްކުރުމުގެ މަޝްރޫޢުތަކުގައި ހުރީ ފައިސާ ދިނުމުގެ މައްސަލައެއްނޫން ދިމާވެފައި. މީގެ ގިނަ ރަށްރަށުގައި ހުރީ ފައިސާ ހަަމައަށް ދީފައި. އަދި ބައެއް ރަށްރަށުގައި މަސައްކަތަށްވުރެ އިތުރަށް ވެސް ފައިސާ ދީފައި އެބަހުރި އަޅުގަނޑުމެންނާ ޙަވާލުވިއިރު. މަސައްކަތް ހިނގާފައި އޮތް ޕަސެންޓޭޖަށް ވުރެ އިތުރަށް ފައިސާ ދީފައި. އެހެންކަމުން ވަރަށް ބޮޑަށް އޮޅުންބޮޅުންތަކުގައި މިކަހަލަ މަޝްރޫޢުތަށް ހުރީ. ކޮންސްޓްރަކްޝަން، ޢިމާރަތް ބިލްޑިން ކޮންސްޓްރަކްޝަން މަޝްރޫޢުތައް،" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުރި މަސައްކަތަށް ވުރެ އިތުރަށް ފައިސާ ދީފައިވުމުން، މަސައްކަތް ނުކޮށް ކޮންޓްރެކްޓަރުން "ފިލާ" ނުވަތަ އެކޮންޓްރެކްޓަރުންގެ ޚަބަރެއް ނުވާ މައްސަލަތައް ގިނަ ކަމަށެވެ. ގިނަ ރަށްރަށުގެ ސްކޫލްތަކާއި ހެލްތު ސެންޓަރުތަކުގެ މަސައްކަތްތަކަށް މިގޮތް ދިމާވެފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން، އެ މަސައްކަތްތައް ނުނިމި ގިނަ ދުވަސްވުމާ ގުޅިގެން، ޤާނޫނުގައިވާ ގޮތަށް އެފަދަ ކޮންޓްރެކްޓުތައް މިހާރު ވަނީ އުވާލާފައި ކަމަށް ރައީސް ވިދާޅުވިއެވެ. "ދެން އެހެންވީމާ އަދި އަމުދުން ދަތިވެގެން ގޮސްފައިވަނީ އެމީހުން ލައްވައި މަސައްކަތްކުރުވަން ވެސް އެއީ އެމީހުންނަށް ފައިސާ ލިބިފައިހުރީމާ. ކޮންޓްރެކްޓަރު ދެން ފިލަނީ. އާދައިގެ ގޮތަކަށް ދަންނަވާނަމަ. ނޫނިއްޔާ ދެން ޚަބަރެއް ނުވަނީ. އެހެންވީމާ މިކަމުގައި ތާށިވެފައި އަޅުގަނޑުމެން ވަރަށް ގިނަ ރަށްރަށުގެ ސްކޫލު ހެލްތް ސެންޓަރުގެ މަސައްކަތްތައް ހުރީ. ދެން މިހާރު އަޅުގަނޑުމެން މި އޮތީ ޓާމިނޭޓްކޮށްފައި ޤާނޫނުގައި އޮންނަ އުސޫލުގެ ތެރެއިން ގިނަ ދުވަސްވީމާ،" ރައީސް ވިދާޅުވިއެވެ.

މިފަދަ މަސައްކަތްތައް ސަރުކާރުގެ ހިއްސާ އޮންނަ އެމްޓީސީސީ ފަދަ ކުންފުންޏަކާ ހަވާލުކުރުމުން މާ ފަސޭހައިން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ކަނޑޫދޫގެ ސިއްޙީ މަރުކަޒުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކޮށް، ވަރަށް އަވަހަށް އޭގެ ޢަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިކަންކަން މިގޮތަށް ހާމަކުރައްވަމުން ރައީސް އެފަދައިން ވިދާޅުވެފައި މިވަނީ، މިއަދު ކަނޑޫދޫގެ ބަނދަރުގައި ޖެޓީއެއް ޤާއިމްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވާތީއެވެ. މީގެ އިތުރުން، ކަނޑޫދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ އެކު ވެސް ސަރުކާރުން ވަނީ މިއަދު ސޮއިކޮށްފައެވެ.