ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަނޑޫދޫ ނަރުދަމާ މަޝްރޫޢުގެ ހަގީގަތް ރައީސް މުޢިއްޒުގެ ބެއްލެވުމުން، ކުންފުނިން ދޮގު މައުލޫމާތު ދީފައިވާކަން ހާމަވެއްޖެ

ކަނޑޫދޫ ނަރުދަމާ މަޝްރޫޢުގެ ހަގީގަތް ރައީސް މުޢިއްޒުގެ ބެއްލެވުމުން، ކުންފުނިން ދޮގު މައުލޫމާތު ދީފައިވާކަން ހާމަވެއްޖެ

ތ. ކަނޑޫދޫ ނަރުދަމާ މަޝްރޫޢުގެ 96 އިންސައްތަ ނިމިފައިވާ ކަމަށް އެ މަސައްކަތްކުރި ކުންފުނިން ރައީސް އޮފީހަށާއި ކަމާގުޅޭ އިދާރާތަކަށް މައުލޫމާތު ދީފައިވީ ނަމަވެސް، ހަގީގަތުގައި މަސައްކަތް އޮތީ މާ ފަހަތުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައި މަޝްރޫޢުގެ ހާލަތު ބައްލަވައިލެއްވުމަށްފަހު ރައީސް މިކަން ހާމަކުރެއްވިއެވެ.

ރައީސް އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކަނޑޫދޫއަށް ވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި އެ ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތު ކައުންސިލާއި ކަމާބެހޭ ވުޒާރާތަކުން ސާފުކުރައްވައި، މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލެއްވިއެވެ.

މި ސަރުކާރާ ރާއްޖޭގެ ކަންތައްތައް ހަވާލުވި އިރު، ގިނަ ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫޢުތަކާއި އަލަށް ފަށަންޖެހޭ މަޝްރޫޢުތައް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކަނޑޫދޫ ނަރުދަމާ މަޝްރޫޢަކީ ހުއްޓިފައި ހުރި އެންމެ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެއް ކަމަށެވެ. އެ މަސައްކަތް ކުރަމުންދިޔަ ބޭރުގެ ކުންފުނިން ރާއްޖޭގެ އެހެން ގިނަ ރަށްތަކުގައި ވެސް ނަރުދަމާ މަސައްކަތްތައް ހިންގަމުންދިޔަ ކަމަށާއި، ނަމަވެސް ފައިސާ ނުލިބުންފަދަ ސަބަބުތަކާހުރެ އެ މަސައްކަތްތައް ހުއްޓިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކަނޑޫދޫ ނަރުދަމާ މަޝްރޫޢުގެ ހާލަތު ބެއްލެވުމަށްފަހު ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކަށާއި ރައީސް އޮފީހަށް ލިބިފައިވާ މައުލޫމާތުގައި، މަޝްރޫޢުގެ 96 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އޮތް ނަމަވެސް، ހަގީގަތުގައި މަސައްކަތް އެއަށްވުރެ މާ ފަހަތުގައިކަން އެނގިވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، "ސަރުކާރުގެ ކަމާއިބެހޭ ވުޒާރާ އަށް ވެސް އަދި ރައީސް އޮފީހަށް ވެސް މައުލޫމާތު ލިބިފައި އޮތީ 96 ޕަސެންޓު މަސައްކަތް ނިމިފައިކަމަށް. އެހެންވީމާ އަޅުގަނޑުމެން ބެލީ އެމީހުން ލައްވައި މަސައްކަތް ނިންމައި ކޮމިޝަން ކުރަން. އެހެން ނަމަވެސް މިއަދު އެނގިގެން ހިނގައްޖެ އަޅުގަނޑުމެން އައީމާ ވަރަށް ބޮޑުތަނުން އަދި އެއަށްވުރެ މާާ ފަހަތުގައިކަން އުޅެނީ. އަޅުގަނޑުމެން ވަރަށް ސީރިއަސް ގޮތެއްގައި އެކަން ނަގަން."

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މިކަމާމެދު ވަރަށް ސީރިއަސްކޮށް ބައްލަވާނެ ކަމަށާއި، އަވަހަށް ގޮތެއް ނިންމަވައި މަޝްރޫޢު ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ރަށުގެ ރައްޔިތުންނަށް ދެއްވިއެވެ. އެގޮތުން، ބާކީ ހުރި މަސައްކަތް އެކުންފުނި ލައްވައި ކުރުވާނީތޯ ނުވަތަ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާނެ ގޮތެއް އަވަހަށް ނިންމަވާނެ ކަމަށް ވިދާޅުވިއެވެ.

ކަނޑޫދޫ ނަރުދަމާ މަޝްރޫޢަކީ 2019 ވަނަ އަހަރު އޭރުގެ ޕްލޭނިން މިނިސްޓްރީން ހަވާލުކުރި މަޝްރޫޢެކެވެ. 2021 ވަނަ އަހަރަށް ނިންމަން ތާވަލުކުރި މި މަޝްރޫޢަށް ސަރުކާރުން 19 މިލިއަން ރުފިޔާ ޚަރަދުކުރާއިރު، އަދިވެސް މި މަސައްކަތް ނިމިފައެއް ނުވެއެވެ.

މިކަމާގުޅިގެން ރަށުގެ ރައްޔިތުންނާއި ކައުންސިލުން ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. ކަނޑޫދޫ ނަރުދަމާ މަޝްރޫޢުގެ ތެރޭގައި ރަށުގައި ފެނާއި ނަރުދަމާގެ ވިއުގަ އެޅުމާއި، ޕަމްޕް ސްޓޭޝަން ގާއިމުކުރުމާއި، އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބަހައްޓައި، ސީ އައުޓް ފޯލް އެޅުން ހިމެނެއެވެ. އަދި އިދާރީ އޮފީސް ޤާއިމުކުރުމާއި ގޭގޭގެ ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދިނުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.