ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވީއައިއޭގެ އާ ޓާމިނަލް އިން އިންޑިގޯއަށް ހިދުމަތް ދޭން ފަށައިފި

ވީއައިއޭގެ އާ ޓާމިނަލް އިން އިންޑިގޯއަށް ހިދުމަތް ދޭންފެށުން -- ފޮޓޯ: އެމްއޭސީއެލް
ވީއައިއޭގެ އާ ޓާމިނަލް އިން އިންޑިގޯއަށް ހިދުމަތް ދޭންފެށުން -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް 1 އިން އިންޑިގޯ އެއާލައިނަށް ހިދުމަތް ދޭން ފަށައިފި އެވެ.

އިންޑިގޯއަކީ މި ޓާމިނަލުން ހިދުމަތް ދޭން ފެށި އަށް ވަނަ އެއާލައިން އަދި އިންޑިއާގެ ފުރަތަމަ އެއާލައިން ވެސް މެއެވެ. 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން މި ހިދުމަތް ދޭން ފެށުން ފާހަގަ ކުރުމަށް ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަދި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ފަސީހު އެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު އަޝްފާން، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް، އިންޑިއާ މޯލްޑިވްސްގެ ޗީފް ސެކިއުރިޓީ އޮފިސަރު އެންޑް އެއާޕޯޓް މެނޭޖަރު ނިކިލް ވަރްމާގެ އިތުރުން އެމްއޭސީއެލް އާއި މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތާ ގުޅިގެން އިންޑިގޯގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 218 ފަސިންޖަރުންނަށް ހަދިޔާ ދީފައިވެ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އިންޑިގޯގެ ފުރަތަމަ މަތިންދާބޯޓު، 6E1127 އަށް މަރުހަބާ ކިއުމުގެ ގޮތުން ޚާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 229 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.







އިންޑިގޯއަކީ އިންޑިއާގެ އެންމެ ބޮޑު އަދި އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.


ޓާމިނަލް 1 އިން މިހާރު ހިދުމަތް ދޭ އެއާލައިންތަކަކީ މޯލްޑިވިއަން، އެއާ އަރަބިއާ، ބިއޯންޑް، ފިޓްސް އެއާ، ބެއިޖިންގް ކެޕިޓަލް އެއާލައިންސް، ބަޓިކް އެއާ، ބެންކޮކް އެއާވޭސް އަދި އިންޑިގޯ އެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.