ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަސްދޯނިފަހަރުގެ ފެންފިނިކުރާ ނިޒާމަށް އިތުރު 200 ލޯނު: މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް

މަސްދޯނިފަހަރުގެ ފެންފިނިކުރާ ނިޒާމަށް އިތުރު 200 ލޯނު: މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް

ދޯނިފަހަރުގައި ފެންފިނިކުރާ ނިޒާމު ޤާއިމްކުރަން އިތުރު 200 ލޯނު ދޫކުރަން ސަރުކާރުން ނިންމަވައިފިއެވެ.

މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ގެނައުމަށް ސަރުކާރުން އިސްކަންދެއްވަމުން ގެންދަވާކަން ހާމަކުރައްވަމުން، މަސްދޯނިފަހަރުގައި ފެންފިނިކުރާ ނިޒާމު (RSW) ގާއިމްކުރުމަށް ދޫކުރަމުން އަންނަ ލޯނު ސްކީމްގެ ދަށުން އިތުރު 200 ލޯނު ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން، މަސްވެރިންނަށް ދިމާވާ ގިނަ ގޮންޖެހުންތަކަށް ހައްލެއް ލިބި، މަސްވެރިކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.


ތ. އަތޮޅު ހިރިލަންދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، މި ސްކީމުގެ ދަށުން މިހާތަނަށް ދޫކުރެވުނު ލޯނުތަކުގެ ތެރެއިން އެންމެ ގިނަ ލޯނު ލިބިފައިވަނީ ހިރިލަންދޫއަށް ކަމަށެވެ. އެގޮތުން، އެރަށުގެ ހަ އޮޑިވެރިއެއްގެ އެޕްލިކޭޝަން ކާމިޔާބުވެފައިވާ އިރު، އޭގެ ތެރެއިން ހަތަރު އޮޑިވެރިއަކަށް މިހާރު ވަނީ ފައިސާ ދޫކުރަން ފަށާފައެވެ.


ރައީސް މުއިއްޒު ވިދާޅުވީ، RSW ސިސްޓަމަކީ ވަރަށް ޒަމާނީ ނިޒާމެއް ކަމަށާއި، މަސްދޯނިފަހަރުގައި މި ނިޒާމު ގާއިމްކުރެވުމުން އައިސް ހޯދުމަށް ދިމާވާ ދަތިތައް ހައްލުވެގެންދާނެ ކަމަށެވެ.


މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ކުރިން އިތުރު 200 ލޯނު ދޫކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު ޖުމްލަ 300 އެއްހާ އޮޑިވެރިންނަށް މި ސްކީމުގެ ދަށުން ލޯނު ލިބިގެންދާނެއެވެ.


މީގެއިތުރުން، ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދު ފުއްދުމަށްޓަކައި، އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް ބޭނުންވާ ފައިސާ ހިމަނައި، އަހަރުގެ ކުރީކޮޅު އެ މަސައްކަތް ފަށައި ނިންމާލެވޭނެ ކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.