ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ތ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށްފައްޓަވައިދެއްވުން --- ފޮޓޯ: ރައީސް އޮފީސް
ތ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށްފައްޓަވައިދެއްވުން --- ފޮޓޯ: ރައީސް އޮފީސް

ތ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، ރައީސް ޑރ. މުހައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައި RTL ފެރީގެ ޚިދުމަތް ތ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.

މިރޭ ތ. ވޭމަންޑޫ ބަނދަރު ސަރަހައްދުގައި ބޭއްވުނު މި ރަސްމިއްޔާތަކީ ރައީސް މުޢިއްޒު މިހާރު ތ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދެވުނު ރަސްމިއްޔާތެކެވެ.

RTL ގެ ޚިދުމަތް ފެށުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ކުޑަ އަގެއްގައި، ފަސޭހަކަމާއެކު އަދި ހިތްފަސޭހަ ކަނޑު މަގުން ދަތުރުފަތުރު ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ. މީގެ އިތުރުން މި ޚިދުމަތަކީ އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ވެސް ފައިދާހުރި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ގައުމީ ދަތުރުފަތުރުގެ ބޮޑު މަޝްރޫޢުގެ ދަށުން، RTL ގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢުއަކީ މުޅި ރާއްޖެ ތިން ފިޔަވައްސަކަށް ބަހާލައި، 6 ޒޯނަކަށް އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމަށް ބެލެވެއެވެ.