ވޭމަންޑޫ ތަރައްޤީއަށް 25 ހެކްޓަރުގެ ބިން، ބަނދަރާއި މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފި
ތ. ވޭމަންޑޫގެ ތަރައްޤީއަށް ބޮޑެތި މަޝްރޫޢުތަކެއް ފަށައި، 25 ހެކްޓަރުގެ ބިން އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މީގެ އިތުރުން ރަށުގެ ބަނދަރު ތަރައްގީކުރުމާއި، މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ. ޖަލްސާގެ ތެރެއިން ސޮއިކުރެވުނު މި ތިން އެއްބަސްވުމަކީ ވެސް ރަށުގެ ކުރިއެރުމަށް މުހިންމު މަޝްރޫޢުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ވޭމަންޑޫގެ މަގުތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށާއި، މިހެން ދިމާވާ ސަބަބުތަކަށް ހައްލު ހޯދުމުގެ ގޮތުން މަގު ހެދުމުގެ މަސައްކަތް އަވަސް ސްޕީޑުގައި ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި، ބަނދަރު ހެދުމުގެ މަޝްރޫޢަކީ ވެސް ރަށަށް ވަރަށް ބޭނުންތެރި މަޝްރޫޢެއްކަމަށާއި، މި މަޝްރޫޢުގެ ދަށުން ރައްޔިތުން އެދޭ ކޮންސެޕްޓާ އެއްގޮތަށް އާ ބަނދަރެއް ޤާއިމުކުރެވޭނެ ކަމަށެވެ. ބިން ހިއްކުމުގެ މަޝްރޫޢު ނިމުމުން ރަށަށް 25 ހެކްޓަރުގެ ބިން އިތުރުވެ، މިހާރު ސޮއިކުރި އެއްބަސްވުމާއެކު އަމަލީ މަސައްކަތް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ތ. އަތޮޅު ތަރައްޤީގެ ރާޑަރަށް އެރުވުމަށް ވެވަޑައިގެންނެވި ވައުދުގެ ދަށުން، އާރްޓީއެލް ފެރީގެ ޚިދުމަތް މިހާރު ވަނީ ތ. އަތޮޅުގައި ފަށާފައެވެ. އަދި ލޯންޗުތަކުގެ ޚިދުމަތް ވެސް އިތުރުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
Ads by BMLވޭމަންޑޫއަށް އިތުރުކުރާ ތަރައްޤީގެ މަޝްރޫޢުތައް:
-
މިސްކިތް: 500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ ހަވާލުކޮށްފައެވެ.
-
ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި: ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި ހުޅުވުމަށް ކުރަންޖެހޭ ތައްޔާރީތައް ނިމިފައިވެއެވެ.
-
ތަޢުލީމީ ދާއިރާ: ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި ތިން ބުރީގެ އިމާރާތް މި އަހަރު ނިމުމުގެ ކުރިން ނުވަތަ ދެން ފެށޭ ދިރާސީ އަހަރު ނިންމައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
-
އިސްލާމިކް ޔުނިވަރސިޓީ ލަރނިން ސެންޓަރ: އިސްލާމިކް ޔުނިވަރސިޓީގެ ލަރނިން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެއެވެ.
-
ކުޅިވަރުގެ ވަސީލަތްތައް: ފީފާ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އަޅައިދެއްވާނެ ކަމަށާއި، މި މަޝްރޫޢަށް އިއުލާންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އަންނަ އަހަރުގެ ކުރީކޮޅުގައި އިންޑޯ ހުރިހާ ކުޅިވަރެއް ކުޅެވޭ ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރެވޭނެއެވެ.
-
ޞިއްޙީ ޚިދުމަތް: 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ބޭރުގެ ފަންޑެއް ހަމަޖެހިފައިވާއިރު، އަމަލީ މަސައްކަތް އަވަހަށް ފެށިގެންދާނެއެވެ. ހޮސްޕިޓަލް އެޅެންދެން ސައިކޭޓްރިސްޓެއް، ފިސިއޯތެރަޕިސްޓެއް އަދި ސްޕީޗް ތެރަޕިސްޓެއް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
-
ކުޑަކުދިންގެ ޕާކް: އާބާދީއާ އެކަށީގެންވާ ކުޑަކުދިންގެ ޕާކެއް ވޭމަންޑޫގައި ޤާއިމުކޮށްދެއްވާނެއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ ރައްޔިތުން ތިބި ތަނަށް އައިސް ޚިދުމަތް ދިނުން ކަމަށާއި، އަބަދު ބޮޑު އަގުގައި މާލެއަށް ދަތުރުކުރުމުގެ "އަޅުވެތިކަން" ނިމުމަކަށް ގެނައުމަށް ކަމަށެވެ. ޞިއްޙީ ދާއިރާ ކުރިއެރުވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވައި، ބަލިޖެހުމުގެ ކުރިން ރައްކާތެރިވުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ވޭޕާއި ދުންފަތް މަނާކުރެއްވީ ނޭދެވޭ ބަލިތަކުން ދުރުވުމަށްޓަކައި ކަމަށާއި، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށް ރައްޔިތުން އެދިވަޑައިގެންނެވިއެވެ. ރައްޔިތުން މިފަދަ ސިޔާސަތުތަކަށް އެއްބާރުލުން ދޭތީ ރައީސް ވަނީ އުފާފާޅުކުރައްވާފައެވެ.
Ads by MACL
