ރައީސް މުޢިއްޒުގެ ވެރިކަމުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައި!
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއެއްޖެއެވެ.
މިކަން ހާމަކުރެއްވީ، އެމަނިކުފާނު މިހާރު ކޮޅުމަޑުލުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ދިވެހިރާއްޖޭގައި އިސްލާމީ ޝިޢާރުތައް ކުރިއަރުވައި، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކު ދީނުގެ ކަންކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އިސްލާމީ ޝިޢާރުތައް ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހިން އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބެވުނީ އިސްލާމް ދީނުގެ ސަބަބުން ކަމަށެވެ. ކާބަފައިންގެ ޖިހާދުގެ ސަބަބުން މިހާރު އަޅުގަނޑުމެންނާ ހަމައަށް އިސްލާމް ދީން ވާރުތަވެފައިވާކަން ފާހަގަކުރައްވައި، އެ ދީން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމުކަމަށް ރައީސް އަލިއަޅުއްވައިލެއްވިއެވެ. އެކަމަށްޓަކައި ހެޔޮ ލަފާ މީހުން ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދިވެހި މުޖުތަމަޢުގައި ދީނުގެ ހަމަތައް ނުނެގެހެއްޓޭނަމަ، ޤައުމަށް ގެނެވޭ ޢުމްރާނީ ތަރައްޤީގެ އެއްވެސް ބޭނުމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
Ads by BML"ދުނިޔޭގައި ޖެހޭ ވަޔާ އޮޔަށް ކުދިން ޣަރަޤުވާން ދޫކޮށްލައިފިއްޔާ ތަރައްޤީގެ ބޭނުމެއް ނެތް. ދީނަށް ނަޞްރުދީ އަންނަން އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ފޯރުކޮށްދޭން ޢަޒުމު ކަނޑައަޅަންޖެހޭ. އަޅުގަނޑުމެންގެ ވަރަށް މުހިންމު ސިޔާސަތެއް ދީނަށް ނަޞްރު ދިނުމަކީ." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ އިސްލާމް ދީން ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ކުރަން ނިންމާފައިވާ ބައެއް ކަންތައްތައް ހިއްސާކުރައްވާފައެވެ. އެގޮތުން، މި ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދެއްވާނެކަމަށާއި، އާބާދީގެ ކުޑަ ބޮޑުމިނަށް ބަލައިގެން އެ ރަށެއްގައި ފެސިލިޓީތައް ޤާއިމުކުރާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ވަގުފު އިމާރާތްތައް ޤާއިމުކުރުމަށް ވެސް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށާއި، އެގޮތުން އެންމެ ފުރަތަމަ ވަގުފު އިމާރާތް އަޅަމުންދާނީ ސިޓީތަކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒިކުރު ބޯޑުތައް ހަރުކުރުމުގެ ޚާއްސަ މަޝްރޫޢެއް ފަށްޓަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން، މަގުތަކާއި ޢާންމުކޮށް މީހުން އެއްވާ ސަރަހައްދުތަކުގައި އިސްލާމީ ޝިޢާރުތަކާއި ނަސޭހަތުގެ ބަސްތައް ހިމެނޭ ބޯޑުތައް ހަރުކުރެވޭނެއެވެ.
ދީން ކުރިއެރުވުމުގެ ރޮނގުން ހޯދާފައިވާ ބައެއް ކާމިޔާބީތައް ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ ހާފިޒުން ތަމްރީންކޮށްފައިވާ ކަމަށެވެ. މިއަހަރު 24 ހާފިޒުން ތަމްރީންވިއިރު، އަންނަ އަހަރު 50 ހާފިޒުން ތަމްރީންކުރެވޭނެ ކަމަށެވެ. އަދި މިހާރު 500 ޒުވާން ޚަޠީބުން ތަމްރީންކޮށްފައިވާއިރު، އަންނަ އަހަރު ނިމޭއިރު ރާއްޖޭގައި 1000 ޒުވާން ޚަޠީބުން ހަރަކާތްތެރިވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެމްޕޭނެއްގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވާހަކަ ދައްކަވަމުން.
Ads by MACL
