ރާއްޖޭގެ 50 ރަށަކަށް ބޭނުންވާ އެމްބިއުލާންސް މި އަހަރުގެ ތެރޭގައި ގެނެވޭނެ: ރައީސް
ރާއްޖޭގެ 50 ރަށަކަށް ބޭނުންވާ އެމްބިއުލާންސް މި އަހަރުގެ ތެރޭގައި ގެނެވޭނެ ކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތ. އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ވިދާޅުވީ ރާއްޖޭގެ 50 ރަށަކަށް ބޭނުންވާ އެމްބިއުލާންސް މި އަހަރުގެ ތެރޭގައި ގެނެވޭނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އޮމަދޫއަށް ވެސް މި އަހަރު ނިމުމުގެ ކުރިން އެމްބިއުލާންސް ލިބޭނެކަމަށާއި، ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަތަކާއި، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމަށެވެ.
ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، އޮމަދޫގެ ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، އަންނަ އަހަރުގެ ބަޖެޓުގައި އެކްސްޓެންޝަން މަޝްރޫއެއް ހިމަނައިގެން ކުރިއަށް ގެންދެވޭނެކަމަށެވެ. އަދި، މިއަދު ފެށުނު ފުލުހުންގެ މަރުކަޒު އެޅުމުގެ މަޝްރޫއާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އޮމަދޫގެ އިހްތިސޯސްގައި ދެ ރަށެއް ހިމެނޭކަމަށާއި، ގާނޫނުގައި ވާގޮތުން އިހްތިސޯސްގެ ތެރޭގައި ފަޅުރަށެއް އޮތަސް އެ ރަށުގައި ރިސޯޓެއް ތަރައްގީ ނުކުރެވޭނެކަމަށެވެ. އެ ރަށްތަކުގައި ރިސޯޓް ތަރައްގީ ކުރެވޭނީ އިހްތިސޯސްއިން ވަކިކޮށްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، އިހްތިސޯސް ތެރޭގައި އޮންނަ ރަށެއްގައި ރިސޯޓެއް ނޭޅުނު ނަމަވެސް، ގެސްޓްހައުސް ނުވަތަ ސިޓީ ހޮޓަލެއް އެޅިދާނެއެވެ. އަދި، ރަށާ ކައިރީގައި ރިސޯޓެއް އެޅިގެންދިޔުމުން ރައްޔިތުންނަށް އޭގެ ނަފާ ލިބޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ދަތުރުފަތުރުކުރުމަށް ހުޅަނގު ފަރާތުން ނެރެއް ކެނޑުމަށް ރައްޔިތުން އެދިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުގެ ދިރާސާއެއް ސަރުކާރުން ކުރާނެކަމަށާއި، އެއީ ކުރެވޭ ވަރުގެ ކަމެއްނަމަ ކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by MACL
