ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މީޑިއާތަކަށް ދައުލަތުން ދޭ މާލީ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

މީޑިއާތަކަށް ދައުލަތުން ދޭ މާލީ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ދައުލަތުގެ ބަޖެޓުން އަމިއްލަ ނޫސް މަޖައްލާތަކަށާއި ބްރޯޑްކާސްޓަރުންނަށް ދޭ މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު، ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.

މި އެހީއަށް އެދުމުގެ މުއްދަތު މިމަހުގެ 27 ގެ ނިޔަލަށް ހަމަވާން އޮތް ނަމަވެސް، އިތުރު މީޑިއާތަކަށް ފުރުސަތު ދިނުމުގެ ގޮތުން އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް ވަނީ އިތުރުކޮށްފައެވެ. "މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލު" އާންމުކުރީ އޮގަސްޓް 19 ގައެވެ. އެހީއަށް އެދި ހުށަހެޅޭނީ އޮންލައިން ޕޯޓަލް mediaapp.one.gov.mv މެދުވެރިކޮށެވެ.

މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޫކުރާ ފުރަތަމަ އަހަރެވެ. ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް މިފަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ވަނީ ނިންމަވާފައެވެ. މިގޮތުން، މި އަހަރު ކަނޑައަޅާފައިވާ 27.9 މިލިޔަން ރުފިޔާ، ކުރިން 3 ޕޭމަންޓަކަށް ބަހާލައިގެން ދޫކުރުމަށް އޮތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމެއްގެ ދަށުން މި އަހަރު އެއް ޕޭމަންޓުގެ ގޮތުގައި ފައިސާ ދޫކުރެވޭނެއެވެ.

މި އުޞޫލުގެ ދަށުން މާލީ އެހީތެރިކަން ލިބުމަށްޓަކައި، މީޑިއާއަކީ ރަޖިސްޓްރީކޮށްގެން ހިންގާ ތަނަކަށް ވުމާއި، ބްރޯޑްކާސްޓް މީޑިއާއެއްނަމަ ލައިސަންސް އޮތުން މުހިންމެވެ. މެދުނުކެނޑި 3 އަހަރު ޚިދުމަތް ދީފައިވާ ކޮންމެ މީޑިއާއަކަށް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިގްރާންޓަށް ކުރިމަތިލުމަށް ފުރިހަމަ ކުރަންޖެހޭ ޝަރުތުތަކުގެ ތެރޭގައި:

  • އާންމުންނަށް މީޑިއާއާ މުޢާމަލާތު ކުރެވޭނެ ގޮތެއް އޮތުން.

  • މީޑިއާގެ ކޯޑް އޮފް އެތިކްސް އާއި ކޮންޑަކްޓް ޝާއިއުކޮށްފައި އޮތުން.

  • ޓެކްހާ ގުޅޭ ޒިންމާތައް އަދާކުރަމުން ދިޔުން.

  • ޕެންޝަން ސްކީމަށް ފައިސާ ދައްކަމުން ދިޔުން.

  • މުވައްޒަފުންގެ މުސާރަ ބޭންކެއް މެދުވެރިކޮށް ދިނުން.

  • މީޑިއާގެ މަސްއޫލު ފަރާތުގެ ސާބިތު ދަރަންޏެއް އޮތް ނަމަ، އެ ދަރަނި އަދާކުރަމުން ދިޔުން.

މީގެ އިތުރުން، އެއްފަރާތުން އެއްވުރެ ގިނަ މީޑިއާ ހިންގާ ނަމަވެސް، ކޮންމެ ބާވަތަކުން (މިސާލަކަށް، ބްރޯޑްކާސްޓް، ޕްރިންޓް، އޮންލައިން) އެއް މީޑިއާއަށް ޕްރޮޕޯޒަލް ހުށަހެޅޭނެއެވެ. ޕްރޮޕޯޒަލްތަކަށް ޕޮއިންޓް ދިނުމުގެ އުޞޫލު ވެސް ބަޔާންކޮށްފައިވާއިރު، އެހީ ލިބުމަށް މަދުވެގެން 60 ޕޮއިންޓް ހަމަވާން ޖެހޭނެއެވެ. ލިބޭނެ ޕޮއިންޓްގެ މިންވަރާއި ބަޖެޓުން ކަނޑައަޅާފައިވާ 27.9 މިލިޔަން ރުފިޔާ ބެހިގެންދާނެ ފޯމިއުލާ ވެސް އުޞޫލުގައި ވަރަށް ތަފްޞީލުކޮށް ހާމަކޮށްފައިވެއެވެ.

މިފަދަ އެހީއެއް ދިނުމުގެ މައިގަނޑު މަޤްޞަދަކީ، އަމިއްލަ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި، ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއްގެ ގޮތުގައި ހިންގުމަށް އެހީތެރިވެދިނުމެވެ. އަދި، އުފެއްދުންތެރި ކޮންޓެންޓް (ރިޕޯޓާއި ޚަބަރު) ފަތުރައި، ނޫސްވެރިކަމުގެ ދާއިރާ ޒިންމާދާރުކަމާއި އިތުބާރާއެކު ވަޒީފާގެ ފުރުޞަތުތައް ވެސް ފަހިކޮށްދޭނެ އިންޑަސްޓްރީއަކަށް ހެދުމަކީ ވެސް މިފަދަ އެހީއެއް ފޯރުކޮށްދިނުމުގެ މަޤުސަދެކެވެ.