ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް މުޢިއްޒު، ތ. ކިނބިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ރައީސް މުޢިއްޒު، ތ. ކިނބިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތ. ކިނބިދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރައްޔިތުންނަށް އެންމެ މުހިންމު ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު ކިނބިދޫ ކައުންސިލް އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ރަށުގެ ހުރިހާ ދާއިރާއަކުންވެސް ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ވަނީ ހުށަހަޅާފައެވެ.

ކައުންސިލް މެންބަރުން މި ބައްދަލުވުމުގައި ފާހަގަކުރެއްވި އެންމެ މުހިންމު ކަންކަމުގެ ތެރޭގައި ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތައް ހިމެނެއެވެ. ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ކިޔަވައިދިނުމަށް ބޭނުންވާ އިތުރު ފެސިލިޓީޒް ހަމަޖައްސައިދިނުމަށް އެދިވަޑައިގަންނަވާފައިވާއިރު، ރަށުގެ ބަނދަރުގެ ޚިދުމަތްތައް ރަނގަޅުކުރުމާއި، ފުޓްސަލް ދަނޑަކާއި ވޮލީކޯޓެއް ފަދަ ކުޅިވަރުގެ ވަސީލަތްތައް ބޭނުންވާކަންވެސް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމެއްވެސް ސަރުކާރުން ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ އިސްވެރިން މެދުވެރިކުރައްވައި، ކިނބިދޫގައި މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ވަނީ ރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ހިއްސާކުރައްވާފައެވެ.