ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިޔަމިގިލި-މަޑިފުށި-އުފުރިޔާ ކޯޒްވޭ 18 މަސް ތެރޭ ނިމޭނެ: ރައީސް

ދިޔަމިގިލި-މަޑިފުށި-އުފުރިޔާ ކޯޒްވޭ 18 މަސް ތެރޭ ނިމޭނެ: ރައީސް

ތ. ދިޔަމިގިލި، މަޑިފުށި އަދި އުފުރިޔާ ގުޅުވައިދޭ ކޯޒްވޭގެ މަސައްކަތް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދިޔަމިގިލީ ރައްޔިތުންނަށް ދެއްވައިފިއެވެ. މިއަދު ދިޔަމިގިލީގައި ބޭއްވުނު ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ޖަލްސާގައި މި ބޮޑު މަޝްރޫޢުގެ މަސައްކަތް ހަވާލުކުރެވުނީ އެމްޓީސީސީއާއެވެ. ރައީސް ވިދާޅުވީ މި ކޯޒްވޭއާއެކު ގިނަ ރަށްތަކެއް އެއްފަސްވެ، އުމްރާނީ، އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.







ރައީސް ވިދާޅުވީ، "މިރަށުން ފެށިގެން ގޮސް މަޑިފުށި، މަޑިފުށިން އުފުރިއާ ހަމައަށް މި ގުޅިގެންދާ ހުރިހާ ރަށެއް ހިމެނޭ ގޮތަށް މިހެދޭ ކޯޒްވޭގެ މަސައްކަތް ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި، ދޮޅު އަހަރުދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމުގެ ޔަގީންކަން ތިބޭފުޅުންނަށް އަރުވަން." މިފަދައިންނެވެ.


ދިޔަމިގިލީ މަގުހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެވުނު ނަމަވެސް، ފެނުގެ ނެޓްވޯކުގެ މަސައްކަތް އަދިވެސް ނުނިމި އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭ އެމްޑަބްލިޔުއެސްސީން އެ މަސައްކަތް ނިންމާލާނެ ކަމަށާއި، އެއަށްފަހު މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.







އަދި ދިޔަމިގިލީ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެމްޓީސީން މަސައްކަތް ފަށައިގަންނަން ތައްޔާރަށް އޮތް ކަމަށާއި، މިހާރު އެމްޓީސީއާ ހަވާލުކޮށްފައިވާ ސަރަހައްދުގެ އިތުރަށް އިރުމަތީ ފަރާތް އެއްކޮށް ހިމާޔަތްވާ ގޮތަށް އެ މަޝްރޫއު ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ދިޔަމިގިލި ސްކޫލުގެ 10 ކްލާސްރޫމުގެ މަސައްކަތް ހުއްޓިފައި އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ މަސައްކަތް އަލުން ފަށަން ކުންފުނިން އެއްބަސްވެފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް އެތަން ބޭނުންކުރެވޭ ވަރަށް ނިންމައިދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. ހަމަ އެއާއެކު ސްކޫލްގެ މަލްޓީޕާޕަސް ހޯލް ބަޔަކާ ހަވާލުކުރަން ސަރުކާރުން ނިންމާފައިވާކަންވެސް ރައީސް އިއުލާންކުރެއްވިއެވެ.







ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތްވެސް އަވަހަށް ފެށި 24 ގަޑިއިރުގެ ހިދުމަތްދޭނެ ޖާގައިގެ ގޮތުން ތަނަވަސް މަރުކަޒެއް ދިޔަމިގިލީގައި ގާއިމުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


މީގެއިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފުޓްބޯޅަދަނޑުގެ ލައިޓު ޖަހައި ދަނޑު ހެދުމާއި ވޮލީކޯޓު ކައުންސިލުގެ އެހީގައި ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެއެވެ.