ކާގޯބޯޓުން ވެއްޓުނު މީހާގެ ހަށިގަނޑު ފެނިއްޖެ
އިންޑިއާގެ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ"އިން ކަނޑަށް ވެއްޓި ހޯދަމުންދިޔަ މީހާގެ ހަށިގަނޑު، ކ.ފޭދޫފިނޮޅުގެ ދެކުނުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން މިއަދު ހޯދައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 11:35 ހާއިރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ބޯޓުން ވެއްޓުނު މީހާއަކީ އިންޑިއާގެ ރައްޔިތެއް ކަމަށްވެއެވެ. އެ މީހާގެ ހަށިގަނޑު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައެވެ.
އެމްއެސްވީ ޑައުލާ ބޯޓުން ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް، އެމްއެންޑީއެފް ކޯސްޓްގާޑުން ހޯމަ ދުވަހުގެ ރޭ ފެށިފައެވެ. މި ހާދިސާ ހިނގާފައިވަނީ ކ. ވިލިމާލެ ކައިރިން ކަމަށްވެއެވެ. ބޯޓުން ވެއްޓުނު މީހާއަކީ ބޯޓުގެ ފަޅުވެރިއެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާ ކަނޑަށް ވެއްޓިފައިވަނީ ވިލިމާލެއިން އެއް ކިލޯމީޓަރު އުތުރުން ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
Ads by BMLމި ހާދިސާއާ ގުޅިގެން އިންޑިއާގެ މީޑިއާތަކުން ވެސް ވަނީ މި ޚަބަރު ފަތުރާފައެވެ. އިންޑިއާގެ ރައްޔިތަކު ގެއްލިގެން ހޯދަމުންދާ ކަމަށް އެމީހުންގެ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
Ads by MACL
