ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ ކީޕަރު އިފްރާހު ނިޔާވެއްޖެ

ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ ކީޕަރު އިފްރާހު ނިޔާވެއްޖެ

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅުނު، ފުޓްބޯޅަ ދާއިރާގައި އިފްރާގެ ނަމުން މަޝްހޫރުވެފައިވާ ގޯލްކީޕަރު އިބްރާހިމް އިފްރާހު އަރީފް، ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިރޭ ނިޔާވެއްޖެ އެވެ.

އުމުރުން 36 އަހަރުގައި މި ދުނިޔެއާ ވަކިވެގެން ދިޔަ އިފްރާހު، ފާއިތުވެގެން ދިޔަ ދެ ދުވަހު އަންނަނީ ހެމޮރެޖިކް ސްޓްރޯކެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ފަރުވާ ހޯދަމުންނެވެ.

އިފްރާހުގެ ސިކުނޑިއަށް އެޅުނު ލޭ ނެގުމަށްޓަކައި އަވަސް ސާޖަރީއެއް ކުރެވުނު ނަމަވެސް، މުޅިން ލޭ ސާފުކުރެވިފައެއް ނުވެ އެވެ. އެހެންކަމުން، ސިކުނޑީގެ ދުޅަ ތިރިކުރުމަށްޓަކައި އޭނާ މެޑިކަލީ އިންޑިއުސްޑް ކޯމާއެއްގައި ބޭއްވުނެވެ. ފަހުން ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުން އައިއިރު، ދިވެހި ފުޓްބޯޅަ އަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި މި ކުޅުންތެރިޔާ މިރޭ ވަނީ އެނބުރިނުފެންނާނެ ދަތުރަކަށް ފުރާފަ އެވެ.

ކްލަބް ވެލެންސިއާ އިން ފުޓްބޯޅަ ކެރިއަރު ފެށި އިފްރާހު އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބަށް ކުޅުނު ދުވަސްވަރުގަ އެވެ. ރާއްޖޭގެ ގިނަ އުމުރުފުރާ ގައުމީ ޓީމުތަކެއްގެ ގޯލު ބެލެހެއްޓެވި އިފްރާހު، 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވެ އެވެ. ގިނަ ކޯޗުންގެ ތަޢުރީފު ލިބުނު މި ކުޅަދާނަ ކީޕަރު، 23 އަހަރުން ދަށުގެ ގައުމީ ޓީމާއެކު އޭޝިއަން ގޭމްސް، ސައުތު އޭޝިއަން ގޭމްސް، އަދި އޮލިމްޕިކް ކޮލިފައިން މުބާރާތްތަކުގައި ވެސް ވާދަކުރި އެވެ.

ގައުމީ ސީނިއާ ޓީމުން 2007 ވަނަ އަހަރު ފުރަތަމަ ފަހަރަށް ފުރުސަތު ހޯދި އިފްރާހު، 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ މުހިއްމު މެންބަރެކެވެ. ސީނިއާ ގައުމީ ޓީމުގައި އޭނާ އެންމެ ފަހުން ހިމެނިފައިވަނީ މީގެ ހަތް އަހަރު ކުރިން، 2018 ގަ އެވެ. ފުރަތަމަ ޑިވިޝަންގައި ނިއު ރޭޑިއަންޓް، ވިކްޓަރީ އަދި ބީޖީ އަށް ވެސް ކުޅެފައިވާ އިފްރާހު، 2019 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ޓީސީ ސްޕޯޓްސް ކްލަބްގެ މުހިއްމު ކުޅުންތެރިއެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވި އެވެ.

ފުޓްބޯޅަ ކެރިއަރަށް ފަހު، އިފްރާހު ވަނީ ސްޕޯޓްސް ފިޝިންގް ދާއިރާގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެފަ އެވެ.

ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އިފްރާހު ކޮށްދެއްވި ޚިދުމަތްތަކުގެ ހަނދާންތައް ދިވެހިންގެ ހިތްތަކުގައި އަބަދަށް ދެމިގެންދާނެ އެވެ.