ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތ. އަތޮޅުގައި ގާއިމުކުރާ ތިންވަނަ އެއާޕޯޓް، ގުރައިދޫގައި އެޅުމަށްޓަކައި އެމްއޭސީއެލްއާއި ހަވާލުކޮށްފި

ގުރައިދޫ އެއާޕޯޓުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝަރީފް ސޮއި ކުރައްވަނީ.--
ގުރައިދޫ އެއާޕޯޓުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝަރީފް ސޮއި ކުރައްވަނީ.--

ތ. އަތޮޅުގައި ގާއިމުކުރާ ތިންވަނަ އެއާޕޯޓް، ގުރައިދޫގައި އެޅުމަށްޓަކައި އެމްއޭސީއެލްއާ ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި މަސައްކަތް 22 މަސް ދުވަހުގެ ތެރޭގައި ނިންމާ، 2027 ވަނަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް، ޖުލައި 26 ގައި އެއާޕޯޓް ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތ. އަތޮޅު ދަތުރުފުޅުގައި ގުރައިދޫގައި މިރޭ ބޭއްވި ޖަލްސާގައި، މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.

ގާތްގަނޑަކަށް ހާހެއްހާ މީހުން ދިރިއުޅޭ ގުރައިދޫގައި އެއާޕޯޓެއް އެޅުމަކީ، އެ ރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށް ގުރައިދޫ ކައުންސިލްގެ ރައީސް ތައުފީގު އަލީ ވިދާޅުވިއެވެ. އެ ހުވަފެން ރައީސް މުއިއްޒު ހަގީގަތަކަށް ހައްދަވައިދެއްވާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ގުރައިދޫގެ ބިން ހިއްކުމުގެ އެއްބަސްވުމުގައިވެސް މާދަމާ ސޮއިކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ތ. އަތޮޅުގައި މިހާރު ހުރި އެއާޕޯޓަކީ ތިމަރަފުށީ އެއާޕޯޓެވެ. މިއީ 2013 ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ހުޅުވުނު އެއާޕޯޓެކެވެ. އެމްޓީސީސީން ތަރައްގީކުރި މި އެއާޕޯޓަކީ 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ. މި މަސައްކަތަށް 32 މިލިއަން ރުފިޔާ ހަރަދުވިއެވެ.

ތ. އަތޮޅުގެ ދެވަނަ އެއާޕޯޓް ގާއިމުކުރަނީ ވިލުފުށީގައެވެ. ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ތ. އަތޮޅުގެ ރަށްތަކަށް ގިނަ އަދަދެއްގެ އާ މަޝްރޫއުތަކެއްގެ ވައުދާއި އެކު ބައެއް މަސައްކަތްތައް ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.