ރައީސްގެ ޑީކޯ ޗެމްބަރުގެ ވައުދުގެ ތެރެއިން، ތ. ގުރައިދޫގައި ހިދުމަތް ދޭން ފަށަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދަކާ އެއްގޮތަށް، ފުރަތަމަ ޑީކޯ ޗެމްބަރު ތ. ގުރައިދޫގައި މާދަމާ ހުޅުވައި، އާންމުންނަށް ހިދުމަތް ދޭން ފަށާނެ ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެއެވެ. މި ޗެމްބަރަކީ ފީނާއިރު ޑީކޮމްޕްރެޝަން ނުވަތަ "ޑީކޯ"ވާ މީހުންނަށް ފަރުވާދޭން ޚާއްސަ ކުރެވިފައިވާ މުހިއްމު ވަސީލަތެކެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި ގުރައިދޫގައި މި ޗެމްބަރު ގާއިމް ކުރެވުނުއިރު، ޖަޕާން ސަރުކާރުން ހަދިޔާކޮށްފައިވާ މި ޗެމްބަރު އޮޕަރޭޓް ކުރަނީ ސެނެހިޔާ ހޮސްޕިޓަލުގެ ބެލުމުގެ ދަށުންނެވެ.
Ads by BMLތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މާދަމާ ހިދުމަތް ފަށާ ޑީކޯ ޗެމްބަރަކީ މަސްވެރިންނާއި ޑައިވްކުރާ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ވަރަށް މުހިއްމު ހިދުމަތެއް ކަމަށެވެ. މީގެ ކުރިން ޑީކޯ ޗެމްބަރުގެ ހިދުމަތް ލިބެން ހުރީ ވަރަށް މަދު ތަންތަނުން ކަމަށްވާއިރު، މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ހިދުމަތް ގާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ގުރައިދޫގައި ބަހައްޓާފައިވާ ޑީކޯ ޗެމްބަރަކީ ވަރަށް ޒަމާނީ އަދި ފުރިހަމަ އިކުއިޕްމަންޓެއް ކަމަށެވެ. "100 މީޓަރު އަޑިން ޑީކޯ ވިޔަސް ޓްރީޓްމަންޓް ދެވޭ ފެންވަރު މީގައި އެބަހުރި. އޭގެ އިތުރަށް ވެސް އޮކްސިޖަން ތެރަޕީ އާއި މިފަދަ އިތުރު އެހެން ކަންކަމަށް ވެސް ކަމާ ބެހޭ ޑޮކްޓަރުންނަށް އެ ޗެމްބަރުގެ ބޭނުން ހިފޭނެ،" ރައީސް ވިދާޅުވި އެވެ.
ޑީކޯ ޗެމްބަރުގެ ހިދުމަތް މާލޭގެ އިތުރުން ރާއްޖޭގެ ބޮޑެތި ސަރަހައްދުތަކުގައި ގާއިމްކުރުމަކީ ސަރުކާރުގެ ވައުދެކެވެ. ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނު ވައުދުވެވަޑައިގަތް ރަށްތަކުގައި ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ޗެމްބަރުތައް ބަހައްޓައި ނިމޭނެ އެވެ. މި ރަށްތަކުގެ ތެރޭގައި އައްޑޫ އާއި ފުވައްމުލަކާއި އއ. ރަސްދޫ އާއި ގދ. ތިނަދޫ އާއި ގއ. ވިލިނގިލީގެ އިތުރުން މާލެ ހިމެނެ އެވެ.
ޑީކޮމްޕްރެޝަން ސިކްނެސް ނުވަތަ ޑީކޯއަކީ، ޑައިވް ކުރުމުގައި އަޑިއަށް ދިއުމަށް ފަހު، މައްޗަށް އެރުން އަވަސްވުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަ އެކެވެ. މިއީ ހަށިގަނޑުގައި އޮކްސިޖަން ދައުރުވުމަށް ބުރޫއަރައި، ލޭގެ ތެރޭގައި ގޭސް ބޮކިތަކެއް އުފެދި، އެ ބޮކިތައް ގޮސް ހަށިގަނޑުގެ ގުނަވަންތަކުގައި ހަރުލައި، ލޭ ދައުރުވުން މަދުވުމުން ދިމާވާ ނުރައްކާތެރި ހާލަތެކެވެ.
ގާނޫނުގައި ޑައިވަރުންނަށް އެންމެ އަޑިއަށް ދެވޭނީ 30 މީޓަރަށް ކަނޑައަޅާފައިވީ ނަމަވެސް، މަސްވެރިކަމުގެ ދާއިރާގައި މަސްވެރިންނާއި ލަނޑާ ނަގާ ފަރާތްތަކުން 30 މީޓަރަށް ވުރެ އަޑިއަށް ފީނަން ޖެހޭ ހާލަތްތައް ދިމާވެ އެވެ. މިފަދަ ހާލަތްތަކުގައި ޑީކޯ ޗެމްބަރުގެ ހިދުމަތަކީ ފުރާނަ ސަލާމަތްކުރުމަށް ވަރަށް ބޭނުންތެރި ހިދުމަތެކެވެ. ރާއްޖޭގައި ފުރަތަމަ ޑީކޯ ޗެމްބަރެއް ބެހެއްޓީ 1993 ވަނަ އަހަރު ބަނޑޮސް މޯލްޑިވްސްގަ އެވެ.
Ads by MACL
