ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބީއެމްއެލް ހައުސިންގ ލޯނު 3 މިލިއަން ރުފިޔާއަށް އިތުރުކޮށްފި: ރަހުނަކާ ނުލައި ރާއްޖޭގެ ހުރިހާ ރަށަކުންވެސް ލިބޭނެ!

ބީއެމްއެލް ހައުސިންގ ލޯނު 3 މިލިއަން ރުފިޔާއަށް އިތުރުކޮށްފި: ރަހުނަކާ ނުލައި ރާއްޖޭގެ ހުރިހާ ރަށަކުންވެސް ލިބޭނެ!

ރާއްޖޭގެ ރައްޔިތުންނަށް ގެދޮރުވެރިވުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހައުސިންގ ލޯނުގެ އަދަދު 3 މިލިއަން ރުފިޔާއަށް އިތުރުކޮށްފިއެވެ.

މިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ ގުރައިދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މީގެ އެންމެ ބޮޑު އެއް ލުއިކަމަކީ، ސިޓީތައް ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އިތުރު ރަހުނެއް ބަހައްޓާކަށް ނުޖެހޭނެކަމެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ބީއެމްއެލްގެ ބޯޑުން މިގޮތަށް ނިންމާފައިވަނީ ރަށްރަށުގައި ގެދޮރު ބިނާކުރުމަށް ދޫކުރަމުން އައި ލޯނުގެ އަދަދު އިތުރުކުރުމަށް ކަމަށެވެ. މި ލޯނު ސްކީމްގެ ދަށުން، ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން 20 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށާއި، މި ލޯނަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ގެދޮރުގެ މައްސަލައަކީ އާބާދީ ބޮޑު ރަށްރަށުގައި ހައްލުކުރަންޖެހޭ މުހިންމު މައްސަލައެކެވެ. ސަރުކާރުން މިހާރުވެސް %5 ގެ އިންޓްރެސްޓް ރޭޓުގައި ލޯން ސްކީމެއް ތައާރަފްކޮށްފައިވާއިރު، ބީއެމްއެލް މެދުވެރިކޮށް ލުއިގޮތްތައް ހޯދައިދީގެން ރައްޔިތުންނަށް ގެދޮރު އެޅުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.

https://twitter.com/bankofmaldives/status/1971260562379313415?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1971260562379313415%7Ctwgr%5Ec9cf9a84c370f04720f9f0db2f30c1b585debd77%7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fviyafaari%2F1307848%2F

ބީއެމްއެލްއިން މިދިޔަ އަހަރުގެ މެއި މަހު ސިޓީތަކުގައި ރަހުނަކާ ނުލައި 1 މިލިއަން ރުފިޔާގެ ހައުސިން ލޯނު ދޫކުރަން ފެށިއެވެ. އޭގެފަހުން މިހިނގާ ފެބްރުއަރީ މަހު އެ އަދަދު 2 މިލިއަން ރުފިޔާއަށް އިތުރުކުރެވުނުކަން ރައީސް ފާހަގަކުރެއްވިއެވެ. މިހާރު މި އަދަދު 3 މިލިއަން ރުފިޔާއަށް އިތުރުކުރެވިފައިވާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް އިތުރު ރަހުނަކާ ނުލައި މި ލޯނު ލިބޭނެކަން ރައީސް ވަނީ ހާމަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރައްޔިތުންނަށް ލިބުނު އިތުރު ލުއިފަސޭހައެއް ކަމުގައެވެ.

މި ބަދަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރުގެ މައްސަލައަށް ހައްލެއް ލިބި، ގިނަ ބަޔަކަށް ލޯނުގެ ހެޔޮ ފައިދާ ލިބިގެންދާނެކަމަށް ބެލެވެއެވެ.