ޓާޝަރީ ހުރިހާ ހޮސްޕިޓަލެއްގައި އެމްއާރްއައިގެ ޚިދުމަތް ހަ މަސްތެރޭ ގާއިމްކޮށް ނިންމޭނެ: ރައީސް
ޓާޝަރީ ހުރިހާ ހޮސްޕިޓަލެއްގައި އެމްއާރްއައިގެ ޚިދުމަތް ހަ މަސްތެރޭ ގާއިމްކޮށް ނިންމޭނެކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ތ. ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން، ރާއްޖޭގެ ސިއްހީ ޚިދުމަތްތައް ހަރުދަނާކޮށް، ފަރުވާއަށް މާލެއަށް އައުމަށް ރައްޔިތުން އުފުލާ ތަކުލީފު ކުޑަކުރުމަށްޓަކައި މުހިންމު ވައުދުތަކެއް ވަނީ ވެފައެވެ.
ރައީސް ވިދާޅުވީ، ޓާޝަރީ ހޮސްޕިޓަލްތަކުގެ ތެރެއިން މިވަގުތު އެމްއާރުއައިގެ ޚިދުމަތް ލިބެން ނެތް ހޮސްޕިޓަލްތަކުގައި ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އެޚިދުމަތް ގާއިމުކޮށްދެއްވާނެ ކަމަށެވެ.
Ads by BMLއަދި ސަރުކާރުން ތަރައްގީކުރާ ހުރިހާ އަރބަން ސެންޓަރުތަކެއްގައި ގާއިމުކުރާ ހޮސްޕިޓަލްތަކުގައި ސީޓީ ސްކޭން ނެގޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ހުރިހާ ވަސީލަތްތަކެއް ހިމެނޭހެން ފުލްފެލްޖްޑް ޑެންޓަލް ސެޓަޕް 15 އަތޮޅު ހޮސްޕިޓަލެއްގައި ގާއިމުކޮށް، ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި އެ ޚިދުމަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިކަންކަމާ ގުޅިގެން ވިދާޅުވީ "މިއީވެސް ހުރިހާކަމަކަށް މާލެއަށް މިއިން ކޮންމެކަމެއް ކުރަން އަންނަޖެހޭވަރު މަދުކޮށްދީ ރަށުގަ ތިބެގެން، އަތޮޅުގައި ތިބެގެން، އެސަރަހައްދުން އެޚިދުމަތް ހޯދުމަށް ފަސޭހަކޮށްދީ ރައްޔިތުން ބާރުވެރިކޮށްދީ މާލެއަށް އަންނަމިޖެހޭ އަޅުވެތިކަމުން ސަލާމަތްކޮށްދިނުމަށް ކުރާ މަސައްކަތެއް" ކަމަށެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން މިހާރުވެސް ދަނީ އަތޮޅުތަކުގެ ސިއްހީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށް އެކި މަޝްރޫއުތައް ހިންގަމުންނެވެ. މީގެ ތެރޭގައި ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ޖާގަ އިތުރުކުރުމާއި، އިންސާނީ ވަސީލަތްތައް އިތުރުކުރުމާއި، މެޑިކަލް ކޮންޒިއުމަބަލްސް ހަމަކުރުމުގެ މަސައްކަތް ހިމެނެއެވެ.
Ads by MACL
