ގުރައިދޫގައި ބެހެއްޓި ޑީކޮމްޕެރެޝަން ޗެމްބަރު މިއަދު ރަސްމީކޮށް ހުޅުވައިފި
ތ. ގުރައިދޫގައި ސެނެހިޔާ ހައިޕަރބެރިކް ސެންޓަރުގެ ޑީކޮމްޕެރެޝަން ޗެމްބަރު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި ޗެމްބަރު ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެކަމަށްޓަކައި ގުރައިދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ ޑައިވް ކުރާ މީހުންނާއި މަސްވެރިންނަށް ވަރަށް މުހިންމު ޚިދުމަތެއް ފޯރުކޮށްދޭނެ ވަޞީލަތެކެވެ.
ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ފާހަގަކުރެއްވީ، އެމްއެންޑީއެފްގެ ސެނެހިޔާ ހޮސްޕިޓަލުގެ ބެލުމުގެ ދަށުން ހިންގާ މި ޑީކޮމްޕެރެޝަން ޗެމްބަރަކީ ޖަޕާން ސަރުކާރުގެ ދީލަތި އެހީގެ ދަށުން ލިބުނު ވަޞީލަތެއް ކަމަށެވެ.
"މިއީ މަސްވެރިންނާއި ޑައިވް ކުރާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ހަމަ ވަރަށް މުހިންމު ޚިދުމަތެއް. ވަރަށް ޒަމާނީ، ވަރަށް ފުރިހަމަ އިކުއިޕްމެންޓެއް،" ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މި ޗެމްބަރުން 100 މީޓަރު އަޑިން ޑީކޯ ވިޔަސް ފަރުވާ ދެވޭނެ ފެންވަރު ހުންނާނެ ކަމަށާއި، އޮކްސިޖަން ތެރަޕީއާއި އެނޫންވެސް ކަންކަމަށް ކަމާބެހޭ ޑޮކްޓަރުންނަށް ބޭނުން ހިފޭނެ ކަމަށެވެ.
Ads by BMLމި ސަރުކާރުން ގުރައިދޫގައި މި ޑީކޮމްޕެރެޝަން ޗެމްބަރު ހުޅުވައިފި ކަމަށް ވިޔަސް، އިތުރު ހަތަރު ސިޓީއާއި ދެ ރަށެއްގައި މިފަދަ ޗެމްބަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ޑީކޮމްޕެރެޝަން ޗެމްބަރު ބެހެއްޓުމަށް ހަމަޖެހިފައިވާ ރަށްތަކާއި ސިޓީތަކަކީ އައްޑޫ ސިޓީ، ފުވައްމުލައް، އއ. ރަސްދޫ، ގދ. ތިނަދޫ، ގއ. ވިލިނގިލި އަދި މާލެއެވެ.
Ads by MACL
