ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޤަވައިދާ ޚިލާފު ބިދޭސީން ފޮނުވާލުން: މިމަހު 340 ބިދޭސީން ގައުމުން ފޮނުވާލައިފި

ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނުގެ ތެރެއިން..
ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނުގެ ތެރެއިން..

ޤަވައިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންނާ ދެކޮޅަށް ސަރުކާރުން ހިންގާ އޮޕަރޭޝަންތަކުގައި މިމަހުގެ މިހާތަނަށް 340 ބިދޭސީއަކު ރާއްޖެއިން ފޮނުވާލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރެއްވީ ތ. ގުރައިދޫގައި ބޭއްވެވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ގަވައިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދައި، އެމީހުން ފޮނުވާލުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ގައުމީ ފެންވަރުގައި މިފަހުން ފެށި އޮޕަރޭޝަންގައި، ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި މާލެއިން އެކަނިވެސް 474 ވިޔަފާރިއެއް ބަލައިފާސްކޮށްފައިވެއެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން 959 ބިދޭސީންގެ މައުލޫމާތުތައް ބެލިއިރު، ޤަވައިދާ ޚިލާފަށް އުޅުނު 108 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިމީހުން ޑިޕޯޓްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. ރައީސް ވިދާޅުވީ، ދިވެހިންނަށް ލިބެންޖެހޭ ވަޒީފާގެ ފުރުސަތުތަކަށް ބިދޭސީން އައުމަކީ ބޭނުންފުޅުވާ ގޮތެއް ނޫން ކަމަށެވެ.

މިމަހު 110 ބިދޭސީއަކު ވަނީ ރާއްޖެއިން ޑިޕޯޓްކޮށްފައެވެ. މީގެ އިތުރުން، ޑިޕޯޓްކުރުމަށް ތައްޔާރުވަމުން ދަނިކޮށް، އަމިއްލައަށް އެދިގެން 230 މީހަކު އެމީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން މިމަހުގެ 21 ވަނަ ދުވަހު ފަށާނެކަން އިއުލާނުކުރައްވާފައިވަނީ ފ. ނިލަންދޫގައި ބޭއްވެވި ޖަލްސާއެއްގައެވެ. ރައީސް ވިދާޅުވެފައިވަނީ، ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ މިހާރު ރާއްޖޭގައި އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި، މިކަމުގެ ސަބަބުން ދިވެހިންނަށް ލިބެންޖެހޭ ފުރުސަތުތައް ހަނިވެފައިވާ ކަމަށެވެ.

މި އޮޕަރޭޝަން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްގެންދާނެ ކަމަށާއި، ހާއްސަ ގޮތެއްގައި ބޮޑެތި އާބާދީތައް ދިރިއުޅެމުންދާ ރަށްތައް ބަލާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.