ދައުލަތުގެ އާމްދަނީ 27.4 ބިލިއަން ރުފިޔާއަށް އަރައި، މިދިޔަ އަހަރަށްވުރެ 6.3 އިންސައްތަ އިތުރުވެއްޖެ
މި އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ދިވެހި ދައުލަތަށް 27.4 ބިލިއަން ރުފިޔާގެ އާމްދަނީއާއި ހިލޭ އެހީ ލިބިފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 6.3 އިންސައްތައިގެ ކުރިއެރުމެކެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް"ގައިވާ ގޮތުން، މިހާތަނަށް ދައުލަތަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 27.4 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ.
ޓެކުހުގެ ގޮތުގައި ދައުލަތަށް 20.9 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 76.5 އިންސައްތައެވެ.
Ads by BMLޓެކުހުގެ އާމްދަނީ އިތުރުވުމަށް މައިގަނޑު ސަބަބުތަކެއް ފާހަގަކުރެވިފައިވެއެވެ. ޓެކުހުގެ ރޭޓްތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 102.4 އިންސައްތަ އިތުރުވެފައިވެއެވެ. އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 51.1 އިންސައްތަ އިތުރުވެފައިވާއިރު، ފަރުދުންގެ އާމްދަނީން ނެގޭ ޓެކުސް 15.7 އިންސައްތައިން ވަނީ އިތުރުވެފައެވެ.
ޓެކުހާއި ޓެކްސް ނޫން އާމްދަނީ 13.7 އިންސައްތަ އިތުރުވެފައިވާއިރު، އޭގެ މައިގަނޑު ސަބަބަކީ ރިސޯޓު ތަރައްޤީކުރުމަށް ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު އިތުރުކުރުމަށް ދެއްކި އަދަދު އިތުރުވުމެވެ.
މީގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ލިބުނު އާމްދަނީ 56.6 އިންސައްތަ އިތުރުވެފައިވެއެވެ. މީގެ މައިގަނޑު ސަބަބަކީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 9.6 އިންސައްތައިން އިތުރުވެ، 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާތީއެވެ.
ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ، ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީ އަދި ރިސޯޓުތަކުން ކުލީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. މި އިތުރުވުމާއެކު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ މިވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 6.3 އިންސައްތައިން އިތުރުވެފައެވެ.
އާމްދަނީ އިތުރުވުމާއެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް 49.8 އިންސައްތަ އިތުރުވެ، 1.5 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 68.8 އިންސައްތަ މިހާތަނަށް ދައުލަތަށް ވަނީ ލިބިފައެވެ.
Ads by MACL
