ފެނަކަ ކޮރަޕްޝަން: ކުރީގެ އެމްޑީގެ އާއިލީ ކުންފުނިތަކަށް މިލިއަން ރުފިޔާގެ މަޝްރޫއުތައް، ދީފައިވާކަން ފަޅާއަރައިފި
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުގެ ވެރިކަމުގައި، އޭނާއާ ގުޅުންހުރި އާއިލީ ފަރާތްތަކުގެ ކުންފުނިތަކަށް އުސޫލާ ޚިލާފަށް ގިނަ މަޝްރޫއުތައް ދީ، އެތައް މިލިއަން ރުފިޔާއެއް ދޫކޮށްފައިވާކަން ފެނަކައިގެ ޚާއްސަ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މި އޮޑިޓް ރިޕޯޓްގައި ފެނަކައިން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ މާލީ މުއާމަލާތްތަކުގެ ތަފްސީލްތައް ހިމަނާފައިވާއިރު، މިއީ އެ ކުންފުނިން ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.
ފެނަކައިގެ އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި، ސައީދު އެމްޑީގެ މަގާމުގައި ހުންނެވި ދުވަސްވަރު އޭނާއާ ގުޅުންހުރި ކުންފުނިތަކާއެކު ޖުމްލަ 92 އެއްބަސްވުމެއް ހަދާފައިވެއެވެ. މި އެއްބަސްވުންތަކުގެ ޖުމްލަ އަގު 49.7 މިލިއަން ރުފިޔާއަށް އަރާއިރު، އޭގެ ތެރެއިން 31,124,418 ރުފިޔާ މިހާރު ވަނީ އެ ކުންފުނިތަކަށް ދޫކޮށްފައެވެ.
މި އެއްބަސްވުންތަކުގެ ތެރެއިން 90 އެއްބަސްވުން ހަދާފައިވަނީ ސައީދުގެ ޅިޔަނުންގެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދެ ކުންފުންޏަކާއެވެ. އަނެއް ދެ އެއްބަސްވުން ހެދީ ސައީދުގެ ޅިޔަނެއްގެ ދަރިފުޅުގެ ހިއްސާ އޮންނަ ކުންފުންޏަކާއެވެ.
މީގެ އިތުރުން، އޮޑިޓް ރިޕޯޓްގައިވާ ގޮތުން ފެނަކައިން ޖުމްލަ 2,239,640,958 ރުފިޔާގެ އެއްބަސްވުން މި މުއްދަތުގައި ހަދާފައިވެއެވެ. އޭގެ ތެރެއިން 1,373,126,496 ރުފިޔާގެ މުދަލާއި ހިދުމަތް ހޯދާފައިވަނީ ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން ކަމަށްވެސް ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ. މި އެއްބަސްވުންތައް ހެދީ ދެތިން ފަރާތަކުން އަގު ހޯދައިގެންނެވެ.
އާންމު ބީލަމުގެ އުސޫލުން ބޭރުން ހޯދާފައިވާ މުދަލާއި ހިދުމަތްތަކުގެ ތެރޭގައި 439 އެއްބަސްވުން ހިމެނެއެވެ. މީގެ ތެރޭގައި ކަރަންޓް ކޭބަލް، ޖަނަރޭޓަރު ސެޓް، ޓްރާންސްފޯމަރު ގަތުމާއި، ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ އެކި މަސައްކަތްތައް ހިމެނެއެވެ.
މިކަންކަމަށް މަގުފަހިކުރުމުގެ ގޮތުން، ކުންފުނީގެ އުސޫލުތަކަށް ބަދަލު ގެނެސް، ގަވާއިދުތައްވެސް ބަދަލުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއެވެ.
Ads by MACL
