ތިމަރަފުށީ ހޮސްޕިޓަލަށް އިތުރުކުރާ 30 އެނދުގެ އާ އިމާރާތުގެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފި
ތ. ތިމަރަފުށީގެ ސިއްހީ ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަގުމަތީގައި، އެ ރަށު ހޮސްޕިޓަލުގެ އާ އިމާރާތް ގާއިމުކުރުމުގެ މަސައްކަތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުންވެސް މިއަދު ވަނީ ކުރިއަށް ގޮސްފައެވެ. ސަރުކާރުން ތިމަރަފުށީ ރައްޔިތުންނަށް ދެއްވާ ސިއްހީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ފަސޭހަތަކެއް ހޯދައިދިނުމުގެ މަގު މިކަމުން ފަހިވެގެންދާނެއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމްއެވެ.
Ads by BMLރައީސް ޑރ. މުހައްމަދު މުއިއްޒު ކޮޅުމަޑުލުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު މި ރަސްމިއްޔާތުގައި، އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތް މިނިސްޓަރާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ދާއިރާގެ މެންބަރާއި ތިމަރަފުށީ ކައުންސިލްގެ ރައީސެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ، މި އާ އިމާރާތާއެކު 30 އެނދުގެ ޚިދުމަތް ތިމަރަފުށީ ހޮސްޕިޓަލުގައި ގާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި މަޝްރޫޢުގެ މަސައްކަތް އެންމެ ބާރު ސްޕީޑުގައި ނިންމައި، ރައްޔިތުންނަށް ގިނަގުނަ ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ ރަށްރަށުގައި ސިއްހީ ޚިދުމަތްދޭ ތަންތަން އިތުރަށް ތަރައްގީކޮށް، އާ ޚިދުމަތްތައް ތަޢާރަފުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.
Ads by MACL
