ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ފަށައިފި

ތ. ގާދިއްފުށީގައި އޭޓީއެމްގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވުން ---
ތ. ގާދިއްފުށީގައި އޭޓީއެމްގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވުން ---

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫޢުގެ ދަށުން ތ. ގާދިއްފުށީގައި އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައި، މުޅި އެ އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކޮށްފި އެވެ.

މިކަމަށްޓަކައި ގާދިއްފުށީގައި ބޭއްވުނު ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު، ވަޒީރުން، ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް، އަދި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމުކުރެވުމާ އެކު، 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫޢުގެ ދަށުން މިހާރު 15 އަތޮޅުގައި އޭޓީއެމް ޚިދުމަތް ގާއިމުކުރެވިފައިވާ ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، "ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި އޭޓީއެމްތަކަކީ ބޭންކިން ނިޒާމުގައި ރައްޔިތުން ބައިވެރިކޮށްދޭ މުހިންމު ވަސީލަތެއް. އޭޓީއެމް ގާއިމްކުރުމުގެ އިތުރުން ޑިޖިޓަލް ބޭންކިން ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް އަޅުގަނޑުމެން މި ދަނީ ނުހަނު މުހިންމު މަސައްކަތްތަކެއް ކުރަމުން."

ބީއެމްއެލްގެ ބޭންކިން ވިއުގަ އަކީ 20 އަތޮޅުގައި 42 ބްރާންޗާއި، 179 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި، 237 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ޚިދުމަތެވެ.