ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފެނަކައިގެ ހިޔާނާތުގެ ތަހުގީގު އަވަސްކުރުމަށް ރައީސް މުއިއްޒު އަންގަވައިފި

ފެނަކައިގެ ހިޔާނާތުގެ ތަހުގީގު އަވަސްކުރުމަށް ރައީސް މުއިއްޒު އަންގަވައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކައިން ހިންގާފައިވާ ބޮޑު ހިޔާނާތުގެ މައްސަލަ އަވަސްކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަންގަވައިފިއެވެ.

މިކަން ހާމަވެފައިވަނީ އޮޑިޓް ރިޕޯޓަކުން، 2 މިލިއަން ރުފިޔާގެ ދެވަނަ ފަހަރަށް ބޭނުންކޮށްފައި ހުރި ޖެނެރޭޓަރެއް، އައު ޖެނެރޭޓަރެއްގެ ގޮތުގައި 17 މިލިއަން ރުފިޔާއަށް ފެނަކައިން ގަނެފައިވާކަން އެނގުމުންނެވެ.

އޮޑިޓް އޮފީހުން 2021 އިން 2023 އާ ދެމެދު ފެނަކަ ހިންގިގޮތުގެ މައްޗަށް ނެރުނު ޚާއްސަ ރިޕޯޓުގައިވާ ގޮތުން، ފެނަކައަށް ޖުމްލަ 8 ޖެނެރޭޓަރު ސެޓް ސަޕްލައިކޮށްދިނުމަށް 7 އެއްބަސްވުމެއްގެ ދަށުން 2021 އަދި 2022 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް، މި ޖެނެރޭޓަރުތަކަކީ ރާއްޖެއަށް އެތެރެކޮށްފައިވަނީ "ރީފަބިޝްޑް" ނުވަތަ މަރާމާތުކޮށް އަލުން ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ތަކެތީގެ ގޮތުގައެވެ. މި ތަކެތީގެ އަސްލު އަގަކީ ސީއައިއެފް އަދި އިމްޕޯޓް ޑިއުޓީއާއެކު 2,880,372 ރުފިޔާ ކަމަށްވާއިރު، ފެނަކައަށް ވިއްކާފައިވަނީ 17,388,240 ރުފިޔާއަށެވެ.

ރައީސް މުއިއްޒު މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ވިދާޅުވީ، އޮޑިޓް ރިޕޯޓާ ގުޅިގެން ފުލުހުން މިހާރު ތަހުގީގު ފަށާފައިވާ ކަމަށާއި، ހިޔާނާތުގެ ތަހުގީގު އަވަސްކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގަވާފައިވާ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވީ، އޮޑިޓް އޮފީހަކީ މިނިވަން މުއައްސަސާއެއް ކަމަށާއި، އެ ރިޕޯޓުން އެތައް ސަތޭކަ މިލިއަން ރުފިޔާގެ ވައްކަން ހާމަވެފައިވާ ކަމަށެވެ. އަދި މިގޮތަށް ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން ގައުމުގެ ތަރައްގީއަށް ހުރަސް އެޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތައް އަޅާނެ ކަމަށާއި، އެއްވެސް މީހެއްގެ މަގާމަށް ނުވަތަ ސިޔާސީ ނުފޫޒަކަށް ބެލުމެއްނެތި، ކުރި އަމަލަކަށް ބަލައި ހަމަހަމަ އަދަބު ދެވޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ސިޔާސީ ބޭފުޅެއްގެ ފަހަތުން، އެމީހެއްގެ ސިޔާސީ ގުޅުމެއްގެ ސަބަބުން ޖަލަށް ލެއްވުމަށް ސަރުކާރުން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. އަދި ގައުމުގައި މިހާރު ސިޔާސީ މަސައްކަތްކުރުމުގެ މިނިވަންކަން ހުޅުވާލާފައިވާ ކަމަށާއި، ނަމަވެސް ޒިންމާދާރުކަމާއެކު ތެދުބަހުން އެންމެން ވާހަކަ ދެއްކުމަށް ރައީސް ގޮވާލެއްވިއެވެ.