ހަތަރު އަތޮޅަށް ކުރެއްވި ކާމިޔާބު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ ހުރިހާ ރަށަކަށް ކުރެއްވި ކާމިޔާބު ދަތުރުފުޅެއް ނިންމަވާލައްވައި މިރޭ މާލެ ވަޑައިގެންފިއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމާއި، ތަރައްޤީގެ މުހިންމު މަޝްރޫޢުތައް އިފްތިތާޙުކުރެއްވުމެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ރަށެއްގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި އާންމު ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުންތަކުގައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރީންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. މި ވަފުދުން ވަނީ ކޮންމެ ރަށެއްގައި މިހާރު ހިނގަމުންދާ އަދި ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދެއްވާފައެވެ.
Ads by BMLތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ފެށުމުގެ އިތުރުން، ބައެއް މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި މި ދަތުރުފުޅުގައި ވަނީ ސޮއިކުރައްވާފައެވެ. މީގެ ތެރޭގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އާރް.ޓީ.އެލް ފެރީ ނިޒާމުގެ ހިދުމަތް ފެށުމާއި ވައިގެބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ. މީގެ އިތުރުން، މި ހަތަރު އަތޮޅުގެ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ވަނީ ފައްޓަވައިދެއްވާފައެވެ.
މި ދަތުރުފުޅުގައި ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާއި ގުޅޭ މަޝްރޫޢުތަކާއި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމާއި، ސިއްހަތާއި، ހަށިހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިޤްތިޞާދު ފުޅާކުރުމާގުޅޭ މުހިންމު ނިންމުންތަކެއް ވަނީ ނިންމަވާފައެވެ.
އަދި، މުޅި ރާއްޖޭގެ ސިއްހީ ދާއިރާގެ ބިނާރީ ތަރައްޤީއަށް، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ކުރިއަށް ގެންދެވޭނެ މުހިންމު މަސައްކަތްތަކާއި، ބޭންކިންގ ދާއިރާއިން ރާއްޖޭގެ އިޤްތިޞާދަށް އަދި އާންމު ފަރުދުންނަށް ފައިދާކުރާނެ މުހިންމު ނިންމުންތަކެއް ވެސް ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި ވަނީ އިޢުލާންކުރައްވާފައެވެ.
ރައްޔިތުންނާ ގާތުން މަސައްކަތްކުރުމާއި، އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއެވެ.
Ads by MACL
