ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިއްސާރައިގައި ގެއްލުންވީ އަޑިން ފެން އެރި 4 ގެއަކަށް: އެންޑީއެމްއޭ

ވިއްސާރަ ވެ މޫސުން ގޯޯސްވުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި
ވިއްސާރަ ވެ މޫސުން ގޯޯސްވުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި

ވިއްސާރައިގައި މިފަހަރު ގެއްލުންވީ އަޑިން ފެން އެރި 4 ގެއަކަށްކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރީޓީން ވިދާޅުވެއްޖެއެވެ. އެންޑީއެމްއޭއިން ވިދާޅުވީ ދުރާލާ ތައްޔާރުވެފައިވާތީ ގޭގެއަށް ފެން ވަދެ ގެއްލުންވި މިންވަރު ވަރަށް ބޮޑަށް ކުޑަކުރެވުނުކަމަށެވެ.

އެންޑީއެމްއޭއިން ވިދާޅުވީ މާލެ، މާފަންނުގެ 4 ގެއަކުން 40 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށެވެ. އެގެތަކަކީ ވިއްސާރައިގައި އަޑިން ފެން އަރައިގެން ގެއްލުންވި ގެތަކެއްކަމަށް އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ވިއްސާރަވާނެކަމަށް މެޓް އޮފީހުން ލަފާކުރުމާއެކު، އެންމެ ބޮޑަށް ފެންބޮޑުވާ ސަރަޙައްދުގެ 160އަށްވުރެ ގިނަ ގެއަށް ވެލިބަސްތާ ފޯރުކޮށްދީ، އެހީތެރިކަން ދިނުމުގެ މަސައްކަތް އެންޑީއެމްއޭއާއި ސިޓީ ކައުންސިލާއި، ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ކުރިއަށްގެންދިޔަކަމަށެވެ.

ހިސާން ވިދާޅުވީ މިފަހަރުގެ ވިއްސާރައިގައި ދުރާލާ ތައްޔާރުވުމުގެ ސަބަބުން، ލިބުނު ގެއްލުން ޖުމްލަކޮށް ކުޑަކަމަށެވެ. ނަމަވެސް އަދިވެސް ހާލަތު މޮނިޓަރކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ވަގުތީ ބޯހިޔާވަހިކަމުގައި ތިބި މީހުންނަށްވެސް ދެ ދުވަހަށް އެހީތެރިކަން ހަމަޖައްސާފައިވާކަމަށެވެ.