ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.6 މިލިއަނަށް، އަމާޒަށް ވާސިލުވުމަށް ގޮންޖެހުންތަކެއް!
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު 1.6 މިލިއަން ފަހަނަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހާ ހަމައަށް 1,594,616 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ 2.3 މިލިއަން ފަތުރުވެރިންގެ ލަނޑުދަނޑި ހާސިލުކުރުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ލަފާކުރެވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން، ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެވްރެޖްކޮށް 6,017 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ނަމަވެސް، ސެޕްޓެމްބަރު މަހު މި އަދަދު ދަށްވެ، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 4,895 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މި މައުލޫމާތުތަކަށް ބަލާއިރު، މިހާރުގެ ޓްރެންޑު ދެމިގެންދާ ނަމަ، އަހަރުގެ ބާކީ ތިން މަސްދުވަހާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަކީ އުނދަގޫ ކަމެއް ކަމަށް ލަފާކުރެވެއެވެ.
ފަތުރުވެރިން އެންމެ ގިނައިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 253,177 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން 193,109 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
Ads by BMLމި އަހަރުގެ ލަނޑުދަނޑި ހާސިލުނުވިޔަސް، މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 2,046,615 ފަތުރުވެރިންގެ އަދަދަށް ވުރެ ގިނަ ފަތުރުވެރިން މި އަހަރު އަންނާނެ ކަމަށް ލަފާކުރެވެއެވެ. ކުރިޔަށް އޮތީ ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަން ކަމަށް ވާތީ، ފަތުރުވެރިންގެ އަދަދު އިތުރުވުމުގެ ފުރުސަތު އެބައޮތެވެ. މި އަހަރުގެ ކުރީކޮޅު، ޖެނުއަރީ މަހުން އޭޕްރީލް މަހާ ހަމައަށް ދުވާލެއްގެ މައްޗަށް 6,892 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ. ޕީކް ސީޒަންގައި މި އަދަދަށް ވުރެ ގިނަ ފަތުރުވެރިން އައުމަކީ އެކަށީގެންވާ ކަމެކެވެ.
މި ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޓޫރިޒަމް ދާއިރާ އޮތީ އުފާވެރި ކުރިމަގެއްގެ ތެރޭގައި ކަމަށް ބުނެވިދާނެއެވެ.
Ads by MACL
