ރާއްޖޭގެ ކެޕިޓަލް މާކެޓަށް ބޭރުގެ އިންވެސްޓަރުންނަށް އިތުރު ފުރުޞަތުތައް!
ކެޕިޓަލް މާކެޓް ޑިވަލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރާނެ އުސޫލުތައް ހާމަކޮށްފި އެވެ. މި އައު ގަވައިދާއެކު ރާއްޖޭގެ އިޤްތިޞާދަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް އާ ދޮރުތަކެއް ހުޅުވައިލާނެ ކަމަށް ބެލެވެއެވެ.
ސީއެމްޑީއޭގެ އާ ގަވައިދު ބުނާ ގޮތުން، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރެވޭނީ ސީއެމްޑީއޭއިން ހުއްދަ ދީފައިވާ ހިއްސާ، ބޮންޑް، އަދި އެހެނިހެން ސެކިއުރިޓީ މާކެޓް އިންސްޓްރޫމެންޓްތަކުގަ އެވެ. މި ގަވައިދުގައި ބޭރުގެ ފަރާތްތަކަށް ހިއްސާ ހޯލްޑް ކުރުމުގައި ހާއްސަ ހުދޫދެއް ވެސް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން، ގުޅުންހުރި ފަރާތްތަކުން ނުވަތަ އެފަރާތްތަކުގެ ބޮޑު ކޮންޓްރޯލެއް ނުވަތަ ނުފޫޒެއް އޮންނަ ޤާނޫނީ ޝަހުސުތައް ހިމެނޭ ގޮތަށް އެއްވެސް ފަރާތަކުން އެކަނި ނުވަތަ އެހެން ފަރާތްތަކާ ގުޅިގެން 10 ޕަސެންޓަށް ވުރެ ގިނަ ހިއްސާ ހޯލްޑް ނުކުރެވޭނެ އެވެ.
ނަމަވެސް، އިކުއިޓީ ނުވަތަ ހިއްސާ ފިޔަވައި އެހެން ސެކިއުރިޓީތަކުގައި އިންވެސްޓްކުރާނަމަ، އިންވެސްޓްކުރުމަށް ހުށަހަޅާ ފަރާތުގެ ޝަރުތުތަކުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ބޭރުގެ އިންވެސްޓަރަކަށް ވެސް 100 ޕަސެންޓާ ހަމައަށް އިންވެސްޓްކުރުމުގެ ފުރުސަތު އޮންނާނެ އެވެ. މިއީ ރާއްޖޭގެ ކެޕިޓަލް މާކެޓަށް ބޭރުގެ ފަރާތްތަކުގެ އިތުރު އިތުބާރު ހޯދައި، އިންވެސްޓްމަންޓްގެ ދާއިރާ ފުޅާކުރުމަށް ލިބިގެންދާނެ ބޮޑު އެހީއެކެވެ.
Ads by BMLއާ ގަވައިދުގެ ދަށުން، ބޭރުގެ އިންވެސްޓަރުންނަށް އެއްވެސް ހިދުމަތެއް ފޯރުކޮށްދިނުމުގެ ކުރިން، ސީއެމްޑީއޭއިން ލައިސަންސް ނަގާފައިވާ ޑީލާރުންނާއި ބްރޯކަރުން މެދުވެރިކޮށް، އެ އޮތޯރިޓީން ކަނޑައަޅާފައިވާ ފޯމެޓުގައި އެފްއައިޕޯޓަލް މެދުވެރިކޮށް ބޭރުގެ އިންވެސްޓަރު ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅަން ޖެހޭނެ އެވެ.
މީގެ އިތުރުން، ކޮންމެ ކުއާޓަރަކު ވެސް ބޭރުގެ އިންވެސްޓަރުން ކޮށްފައިވާ މުއާމަލާތްތަކުގެ ތަފްސީލާއި އެފަރާތްތަކުގެ ހޯލްޑިންގްސްތަކުގެ ފުރިހަމަ ދަފްތަރު ސީއެމްޑީއޭއަށް ހުށަހަޅަން ޖެހޭނެ އެވެ. އަދި ކޮންމެ އަހަރެއް ނިމޭތާ ތިން މަސް ދުވަހުގެ ތެރޭގައި، އެ އަހަރެއްގައި ބޭރުގެ އިންވެސްޓަރުންނާ ގުޅުންހުރި ވިޔަފާރީގެ ހިންގުމާއި ކަނޑައެޅިފައިވާ ރެގިއުލޭޓަރީ ޝަރުތުތަކަށް އަމަލުކުރި މިންވަރުގެ ތަފްސީލު ހިމަނައި، އެކަމުގެ އެކްސްޓާނަލް އޮޑިޓް ރިޕޯޓެއް އެކުލަވާލައި ސީއެމްޑީއޭއަށް ހުށަހަޅަން ޖެހޭނެ އެވެ.
މި ގަވައިދަށް އަމަލުނުކޮށްފިނަމަ، 10,000ރ. އާއި 100,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ސީއެމްޑީއޭއަށް ލިބިގެންވެ އެވެ. މި އާ ގަވައިދަކީ ރާއްޖޭގެ ކެޕިޓަލް މާކެޓް އިތުރަށް ތަރައްޤީކޮށް، ބައިނަލްއަޤްވާމީ ފެންވަރަށް ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސީއެމްޑީއޭއިން ޤަބޫލުކުރެއެވެ.
Ads by MACL
