ފެނަކަ ވައްކަމުން 111 މިލިއަން ދިވެހި ރުފިޔާ، މެންބަރު ހުސެއިން ކުންފުންޏަށް!
ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެމްބަރު ހުސައިން ޝަމީމް (އަދުން ހުސައިން)ގެ ހިއްސާ އޮންނަ ކުންފުންޏަކުން، އިއުލާންކުރެއް ނެތި ފެނަކައިން 111 މިލިއަން ރުފިޔާގެ އަޑީ ތެޔޮ ގަނެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މި މައްސަލައަކީ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ހިނގާފައިވާ ކަމެކެވެ.
އޮޑިޓް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ނެރުނު ފެނަކަ ކުންފުނީގެ 2021-2023ގެ މާލީ މުއާމަލާތްތަކާ ގުޅޭ އޮޑިޓް ރިޕޯޓުގައި، ގާނޫނާއި ފެނަކައިގެ ޕްރޮކިއުމަންޓް އުސޫލު އަދި ޕީސީބީގެ ގައިޑްލައިންތަކާ ހިލާފަށް ގިނަ ކަންކަން ހިނގާފައިވާކަން ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެއް ކަމަކީ، 2021އިން 2023ގެ ނިޔަލަށް ފެނަކަ ކުންފުނިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަޑީ ތެޔޮ ގަނެފައިވާ މައްސަލައެވެ. އެ މުއްދަތުގެ ތެރޭގައި ޖުމްލަ 127.76 މިލިއަން ރުފިޔާގެ އަޑީ ތެޔޮ ފެނަކައިން ގަނެފައިވެއެވެ.
Ads by BMLއޭގެ ތެރެއިން 15.8 މިލިއަން ރުފިޔާގެ އަޑީ ތެޔޮ ގަނެފައިވަނީ ސަރުކާރުގެ ދެ ކުންފުންޏެއް ކަމަށްވާ އެމްޓީސީސީ އާއި ސްޓެލްކޯ މެދުވެރިކޮށެވެ. މިއީ އެ މުއްދަތުގައި ފެނަކައިން އަޑީ ތެލަށް ކުރި ހަރަދުގެ ގާތްގަނޑަކަށް %12 އެވެ.
ބާކީ %88 ނުވަތަ 111.95 މިލިއަން ރުފިޔާގެ އަޑީ ތެޔޮ ގަނެފައިވަނީ ކުރީގެ މެމްބަރު ހުސައިން ޝަމީމްގެ ހިއްސާ އޮންނަ ސިރިއަސް އެންޓަޕްރައިސް މެދުވެރިކޮށެވެ. ސިރިއަސްއިން ފެނަކައަށް އަޑީ ތެޔޮ ގަތީ އެމްޓީސީސީ އާއި ސްޓެލްކޯއާ އެކު ކުރި ވިޔަފާރި ހުއްޓާލުމަށް ފަހުއެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން، އޮޑިޓް އަމާޒުކުރި މުއްދަތުގައި ފެނަކައަށް އަޑީ ތެޔޮ ގަނެފައިވަނީ އެއްބަސްވުންތަކެއް ނުހަދައެވެ. އަދި އާންމު ބީލަމުގެ އުސޫލުން މުދަލާއި ހިދުމަތް ހޯދަން ޖެހޭ ގޮތަށް ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމެންޓް ޕޮލިސީގެ ދަށުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑުނުވާ އަދަދަށް ޕާޗޭސް އޯޑަރުތަކުގައި އަގު ޖަހައިގެން، އެއް ދުވަހެއްގައި އެއް ޕާޗޭސް އޯޑަރަށް ވުރެ ގިނަ ޕާޗޭސް އޯޑަރުތައް އަޑީ ތެޔޮ ވިއްކި ކުންފުނިތަކަށް ފޮނުވައިގެން ކަންކަން ކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
ކުރީ ސަރުކާރުގައި ފެނަކައިން ކޮރަޕްޝަން ހިނގި ކަމުގެ ވާހަކަ އޭރު ވެސް ގަދައަށް ދެކެވުނު ނަމަވެސް، ކުންފުނީގެ ވެރިންނަށް އެ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. މި ރިޕޯޓު އާންމުވުމާ އެކު އާންމުންނާއި ވާދަވެރިން ދަނީ އެމްޑީޕީއަށް ފާޑުކިޔަމުންނެވެ.
އޭގެ އިތުރުން އެމްޑީޕީގެ ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި މި ދަނޑިވަޅުގައި މިފަދަ ރިޕޯޓެއް އޮޑިޓް އޮފީހުން ނެރުނީ، އަންނަ ހުކުރުދުވަހު މި ސަރުކާރާ ދެކޮޅަށް ބާއްވާ 'ލޫޓުވައިފި' މުޒާހަރާއަށް ގިނަ ބަޔަކު ނުކުމެދާނެތީ ފޯކަސް އަނބުރާލުމަށެވެ. ވެރިކަމުގައި ތިބޭއިރު މިފަދަ އޮޑިޓްތައް ހަދައި، އާންމު ނުކުރާތީ އެކަމަށް ވެސް ބައެއް މީހުން ކަންބޮޑުވުން ފާޅުކުރި އެވެ.
ފެނަކައިގެ ހިޔާނާތާ ގުޅިގެން އޭރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުގެ މައްޗަށް ދައުވާކޮށް ޝަރީއަތް ދަނީ ހިނގަމުންނެވެ.
Ads by MACL
