ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޓޫރިޒަމްގެ ފައިދާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

ޓޫރިޒަމްގެ ފައިދާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

ޓޫރިޒަމްގެ ފައިދާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ރައީސް ފޮނުއްވި މެސެޖެއްގައި، މިއަދު ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވިފައިވާ ދިވެހިންގެ މެހެމާންދާރީގެ މައްޗަށް އަލިއަޅުވާލައްވައި، މި ސިނާއަތުގެ ފައިދާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބަޔާންކުރެއްވި ގޮތުގައި، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފަތުރުވެރިކަމުގެ ފުރުސަތުތައް ފަހިކޮށްދީ، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސްކަމެކެވެ. މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރު "ޓޫރިޒަމް އެންޑް ސަސްޓެއިނަބަލް ޓްރާންސްފޯމޭޝަން" އާ ގުޅުވައިލައްވައި، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ އަމާޒަކީ ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރީތިކަމާއި، ހިތްގައިމުކަމާއި، ތަފާތުކަން ދައްކުވައިދޭ ފަތުރުވެރިކަމުގެ މޮޑެލެއް ބިނާކުރުމެވެ.

މީގެ އިތުރުން ރައީސް ވަނީ، ފަތުރުވެރިކަން ފުޅާވެފައިނުވާ އަތޮޅުތަކަށް މި ސިނާއަތް ފުޅާކުރުމާއި، ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ދާއިރާ ކުރިއެރުވުމަށް ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މިގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު އިންޓަނޭޝަނަލް ޓާމިނަލް ފަދަ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަކީ މި ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖް ނިންމަވާލައްވަމުން، ފަތުރުވެރިކަމުގެ ދާއިރާގައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވައި، އެބޭފުޅުންގެ ޚިދުމަތްތަކުގެ މައްޗަށް ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލުގެ ތަސައްވުރު ބިނާވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި، ބިނާކުރަނިވި އަދި ރައްޔިތުންގެ ޝާމިލުވުން އޮންނަ ފަތުރުވެރިކަމެއް ރާއްޖޭގައި ތަރައްގީކޮށް ބިނާކޮށްދެއްވާނެކަމުގެ ޔަގީންކަން އަނެއްކާވެސް ދެއްވިއެވެ. ރައީސްގެ ރަސްމީ އެކްސް އެކައުންޓުގައިވެސް މިއަދު ވަނީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ.