ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބާރުގަދަ ގައުމުތަކުގެ ގާނޫނީ އިމުން ބޭރުވުމުން ބައިނަލްއަޤްވާމީ ނިޒާމުގެ އިތުބާރު ގެއްލެނީ: ދިވެހިރާއްޖެ

އދ. ގެ އާންމު މަޖިލީހުގައި މިނިސްޓަރ ޚަލީލު ވާހަކަ ދައްކަވަނީ ---
އދ. ގެ އާންމު މަޖިލީހުގައި މިނިސްޓަރ ޚަލީލު ވާހަކަ ދައްކަވަނީ ---

ބާރުގަދަ ގައުމުތަކުގެ މައްޗަށް ބައިނަލްއަޤްވާމީ ގާނޫނު ނުހިނގާތީ، އދ.ގެ ނިޒާމަށާއި އުސޫލުތަކަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށް ދިވެހިރާއްޖެއިން އދ.ގެ އާއްމު މަޖިލީހުގައި ބުނެފިއެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ސުލްހައާއި، މިނިވަންކަމާއި، ތަރައްޤީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ހަލީލް ފާހަގަކުރެއްވިއެވެ.

އދ.ގެ އާއްމު މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ހަލީލް ވިދާޅުވީ، ވޭތުވެދިޔަ ފަސްދޮޅަސް އަހަރު ދުވަހު އދ.ގެ ނިޒާމަށް އިތުބާރު ކުރެވުނު ސަބަބަކީ ކޮންމެ ގައުމެއްގެ މިނިވަންކަމާއި ސިޔާދަތަށް އިހްތިރާމްކޮށް، ބޮޑު ކުޑަ ގައުމު ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު މުސްތަޤްބަލު ބިނާކުރުމުގެ ވައުދު އޮތުމެވެ. ގާނޫނީ ހުދޫދުގެ ތެރެއިން ބާރުތައް ހިފެހެއްޓި، ގަވާއިދުތަކަށް ބިނާވެފައިވާ ނިޒާމެއް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށާއި، ނަމަވެސް މިހާރު އެ އިތުބާރު ގެއްލެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ގަވާއިދުތަކާ ޚިލާފުވާ ހިނދު، ހަމައެކަނި ނިޒާމެއް ނޫން ގެއްލެނީ. އެ ނިޒާމުގެ މައްޗަށް އޮތް އިތުބާރު ގެއްލޭ ކަމަށާއި، މި ހުސްކަން ފުރޭނީ ސުލްހައަކުން ނޫން، ބާރުގެ ބޭނުންކޮށް މިނިވަންކަމަށް އަރައިގަތުމާއި އާންމު އުސޫލުތައް ފައިދަށުލާ ބާރަކުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ ނިޒާމުގައި ހުރި މައިގަނޑު ތިން މައްސަލައެއް މިނިސްޓަރ ހަލީލް ފާހަގަ ކުރެއްވިއެވެ. އެއީ ގިނަ އަހަރުތަކެއް ވަންދެން ބާރުގެ ބޭނުންކޮށްގެން ސަރަހައްދުތައް ބަދަލު ނުކުރެވޭނެ ކަމުގެ އުސޫލުން ޤާއިމްވެފައި އޮތް ސުލްހަ ނިމުމަކަށް އަންނަމުންދިއުމެވެ. ދެވަނައީ، މިނިވަންކަމާއި ސަރަހައްދީ ސަލާމަތަށް އިހްތިރާމްކުރުން، މިއީ ހަމައެކަނި ޝިއާރެއް ނޫން، ސުލްހައާއި ތަރައްޤީއާއި ޤަދަރުގެ އަސާސީ ގަވާއިދުތަކެއް ކަމުގައިވީނަމަވެސް މިއަދު ބާރުގަދަ އަނިޔާވެރިން މިކަންކަމަކީ އިޚްތިޔާރީ ކަންކަމުގެ ގޮތުގައި ދެކެން ފަށާފައިވާކަމެވެ. ތިންވަނައީ ގުޅިގެން މައްސަލަތައް ހައްލުކުރުމުގެ ސިޔާސަތު ދޫކޮށްލުމެވެ. މުއައްސަސާތައް އަޅާނުލާ ދޫކޮށްލެވި، ވީޓޯތަކުން ކަންކަން ހުއްޓުވާ، ގާނޫނުތައް އިޚްތިޔާރީކޮށް ތަންފީޒުކުރެވޭއިރު، އިތުބާރު ގެއްލި މުޅި ނިޒާމު ވެސް ފަނާވެގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ފަނާވުމުގެ މިސާލެއްގެ ގޮތުގައި ފަލަސްތީނު ފާހަގަކުރައްވައި، ޚާއްސަކޮށް ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާގައި 66،000 އަށްވުރެ ގިނަ އާންމު ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށާއި އޭގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީގެ އަނިޔާވެރިކަން އިތުރުވަމުންދާކަމާއި، އިސްރާއީލުން ގަސްތުގައި، ލަދުވެތިކަމެއްނެތި، އަދި ތަކުރާރުކޮށް ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސެކިއުރިޓީ ކައުންސިލާއި އދ.ގެ އާއްމު މަޖިލީހުގެ ސަތޭކައަށްވުރެ ގިނަ ޤަރާރުތަކާ އިސްރާއީލު ޚިލާފުވެ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތައް ދެކޮޅުހަދައި، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ފިޔަވަޅު އަޅާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކާނެ އެއްޗަކަށް އެދި އާދޭސްކުރަމުން ދަނިކޮށް ޝަހީދުކޮށްލެވޭ މީހުން. ދަރިން ޝަހީދުވެފައި ތިބި މައިން. އެމީހުންގެ ގެތަކާއި މުސްތަޤްބަލުގެ ވީރާނާވާ މަންޒަރު ބަލަން ތިބޭ ކުޑަކުދިން. މިއީ ހަމައެކަނި ހަނދާން ނައްތާލައި، ކުރިއަށް ދެވޭނެ މަންޒަރުތަކެއް ނޫން،" މިނިސްޓަރ ވިދާޅުވިއެވެ.

މި ހާލަތުން އަރައިގަތުމަށްޓަކައި އދ. އިސްލާހުކުރުމަކީ މިހާރު އިޚްތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ކުރިއަށް ދެވެން އޮތް ހަމައެކަނި މަގުކަމަށް ޚަލީލް ވިދާޅުވިއެވެ. ޚާއްސަކޮށް ސެކިއުރިޓީ ކައުންސިލްގެ މަސައްކަތްތައް ހުއްޓިފައިވާ މައްސަލައަށް ހައްލު ހޯދައި، ކުދި ޖަޒީރާ ޤައުމުތަކަށް ދައުރުވާ ގޮނޑިއެއް ލިބޭނެ ގޮތަކަށް ކައުންސިލް އިތުރަށް ތަމްސީލުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އޭނާ ގޮވާލެއްވިއެވެ. "އަޅުގަނޑުމެންނަށް ބޭނުންވަނީ ވީޓޯގެ ބިރުދައްކައިގެން ތިބޭ ކައުންސިލެއް ނޫނެވެ،" އޭނާ ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުގެ ނުރައްކަލާއި، ދަރަނީގެ ބުރަ، އަދި ތަރައްޤީވަމުން އަންނަ ގައުމުތަކަށް ދިމާވާ މާލީ ދަތިކަން ފަދަ މައްސަލަތައް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިކަންކަން ހައްލުކުރުމަށް ދިވެހިރާއްޖެއިން އަމިއްލަ ގައުމުގައި ހިންގާ "މޯލްޑިވްސް 2.0" ޕްރޮގްރާމްގެ ދަށުން، ވެރިކަން ހިންގުން އަލުން ބައްޓަންކުރުމާއި، ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމާއި، ހަމަހަމަ ފުރުސަތުތަކެއް ލިބޭނެ ގޮތަށް މުސްތަޤްބަލަށް ތައްޔާރު އިޤްތިސާދެއް ބިނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ސިއްހީ ދާއިރާއިން އަންނަން އޮތް ޖީލަށް ވޭޕިންގ، އީ-ސިގިރެޓާއި އަދި ދުންފަތް މަނާކޮށްފައިވާއިރު، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް ޤާއިމްކޮށް ގައުމު ވަނީ އިންވެސްޓްމަންޓާއި އައު އައިޑިއާތަކުގެ މަރުކަޒަކަށް ވެފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.