ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނިއުރޭޑިއެންޓް ސަޕޯޓަރުންގެ އިންތިޒާރަށް ނިމުމެއް، ސަޕޯޓަރުންގެ ޖާޒީ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބް
ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބް

ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ފުޓްބޯލް ކުލަބު ކަމުގައިވާ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ޖާޒީ ހޯދުމުގެ ފުރުސަތު ސަޕޯޓަރުންނަށް ހުޅުވާލައިފިއެވެ.

މެޗްގައި ބޭނުންކުރާ ކޮލެޓީގައި ބޭނުން ނަމެއް ޖަހާލެވޭ ގޮތަށް މިހާރު ވަނީ ޕްރީ އޯޑަރަށް ހުޅުވާލާފައެވެ.

ނުލާއި ހުދުހެ ރަސްމީ ކުލައިން ޑިޒައިން ކޮށްފައިވާ މި ޖާޒީ ފަރުމާކޮށްފައިވަނީ ރާއްޖޭގެ މަގުބޫލު ޖާޒިއާއިންނެވެ.

ނިއުރޭޑިއެންޓްގެ ސީނިއަރ ވައިސް ޗެއާމަން އަލީ އިބްރާހިމް( ކައްޕި) ޖީލަށް ވިދާޅުވީ ސަޕޯޓަރުން ޖާޒީގެ އިންތިޒާރުގައި ތިބޭތާ ވަރަށް ދުވަސް ވެއްޖެ ކަމަށެވެ. އަދި އެ އިންތިޒާރަށް ނިމުން އައީ ކަމަށާއި ރާއްޖޭ ހުރިހާ ހިސާބަކަަށް ޖާޒީ ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އަދި ޕްރީ އޯޑަރަށް ހުޅުވާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޖާޒީ ހޯދުމަށް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން އޯޑަރު ދީފައިވާކަމަށް
ކައްޕި ވިދާޅުވިއެވެ.

ނިއުގެ ޖާޒީ ހޯދުމަށް ވަރަށް ގިނައިން އަޅުގަނޑުމެންނަށް ފޯންކޯލް އާދޭ. އަދި ވަކިން ހާއްސަކޮށް ލީގު ފެށުމުން ސަޕޯޓަރުން ބޭނުންވަނީ ވީހާވެސް އަވަހަށް ޖާޒީ ލިބެން. އިރާދަކުރެއްވިއްޔާ ނިއުގެ ޖާޒީ ބޭނުންވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ޖާޒީ ފޯރުކޮށްދޭނަން- ކައްޕި

ނިއުރޭޑިއަންޓުން ވަނީ، ޕްރީ އޯޑަރ ކުރަން ބޭނުންވާ ފަރާތްތަކުން 9111966 އަށް ގުޅުމުން އެ ފުރުސަތު ލިބޭނެކަމަށް ބުނެފައެވެ.

އެފްއޭއެމް އިން ނިއުރޭޑިއަންޓް ރަސްމީކޮށް ފުޓުބޯޅައިގެ އެންމެހާ ހަރަކާތަކުން ސަސްޕެންޑުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

އޭގެ ތިން އަހަރު ފަހުން، 2022 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ސަސްޕެންޝަން އުވާލުމަށް އެފްއޭއެމް އިން ނިންމި ނިންމުމާއެކު، ދެވަނަ ޑިވިޝަނުގައި ނިއުރޭޑިއަންޓުން ވާދަކޮށްފައިވެއެވެ.

ހަތް އަހަރަށްފަހު ނިއުރޭޑިއަންޓުން އެނބުރި ފުރަތަމަ ޑިވިޝަނުގައި ކުޅުމަށް ލިބުނު ފުރުސަތުގައި އެ ޓީމުން ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ނިއު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކުރަން ނިންމާފައިވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ދިވެހި ޕްރިމިއާ ލީގުން ވަކިވާން ނިންމިކަން އެފްއޭއެމްއަށް އެންގުމާ ގުޅިގެން ހުސްވި ޖާގައަށެވެ.

އެފްއޭއެމް އިން ބޭއްވި ހިންގާ ކޮމިޓީގެ ބައްދަލުވުމަށް އެންމެ ފަހުން ދެވަނަ ޑިވިޝަނުގައި ސެމީ ކުޅުނު ނިއު އާއި ޓެންޓް ސްޕޯޓްސް އިން މުޅި މުބާރާތުގައި ނެރެފައިވާ ނަތީޖާތަކަށް ބަލައި، އެފްއޭއެމްގެ ކޮމްޕެޓިޝަން ކޮމިޓީން ސްޕޯޓިން ކްރައިޓީރިއާ އިން ވެސް ޔަގީންކުރުމަށް ފަހު، ކަނޑައެޅިފައިވަނީ ތިން ވަނަ ޓީމަކީ ނިއު ކަމަށެވެ.

ނިއުއިން ސެމީއިން އެފަހަރު ބަލިވެފައިވަނީ 2-0 އިންނެވެ. އަދި ޓެންޓް ސްޕޯޓްސް ކުލަބު ސެމީއިން ބަލިވީ 5-1 އިންނެވެ. މީގެ އިތުރުންވެސް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޓެންޓާއި ނިއު ވާދަކުރި މެޗު ކާމިޔާބުކުރީ ނިއުރޭޑިއަންޓުންނެވެ.

އަދި ޓެންޓް އާއި އެއް ގްރޫޕެއްގައި އޮވެ، ގްރޫޕްގައި ކުރީ ހޯދީވެސް ނިއުރޭޑިއަންޓުންނެވެ. މިހުރިހާ ކަމަކަށް ބަލައި އެފްއޭއެމް އިން ނިންމާފައިވަނީ ދެވަނަ ޑިވިޝަނުގެ ތިންވަނައަށް އެންމެ ރަނގަޅު ޓީމަކީ ނިއުރޭޑިއަންޓް ކަމެވެ.

ނިއުއިންވަނީ އެޓީމް ލީގުގައި ކުޅުނު ދެ މެޗް ވެސް ކާމިޔާބުކޮށްފައެވެ. ޓީސީ އާއި ވާދަކުރި މެޗް 6-0 އިން ކާމިޔާބު ކޮށްފައިވާއިރު ޔުނައިޓެޑް ވިކްޓްރީ އަތުން 2-0 އިން ވަނީ މޮޅުވެފައެވެ.