ފެނަކަ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެއްޖެ
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މިއީ ބްލޭޒަން އިންކް ކިޔާ ކުންފުންޏަކަށް އެއްވެސް މަސައްކަތެއް ނުކޮށް ފައިސާ ދޫކުރި މައްސަލައެކެވެ. މި މައްސަލައިގައި ސައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލާފައެވެ.
ފެނަކައިގެ ޕްރޮކިއުމަންޓް ވެރިޔާ މަރްޔަމް ދީނާ ޞާލިޙްއާއި ސައީދުގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ 2018 ވަނަ އަހަރު ހިންގި މުއާމަލާތަކާ ގުޅިގެން، ޑިސެންބަރު 2024 ގައެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ މި މައްސަލަ ސާބިތުވާކަމަށް ނިންމައި، ދެ މީހުން ވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ކުށުން ކުށްވެރިވާ ކަމަށް ކަނޑައަޅާފައެވެ. ނަމަވެސް، މި މައްސަލައިގައި މިހާތަނަށް ކޯޓުން އަދަބު ކަނޑައަޅާފައެއް ނުވެއެވެ.
Ads by MACL
