ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަގައި އެމްޑީޕީގެ ވެރިކަމުގައި ހެދީ ޑީލެއް: މިނިސްޓަރު ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ---
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ---

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަގައި އެމްޑީޕީގެ ވެރިކަމުގައި ޑީލެއް ހެދިކަމަށް މިނިސްޓަރު ސައީދު ތުހުމަތު ކުރައްވައިފިއެވެ.

މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ޕީޕީއެމް ވެރިކަމުގައި ދައުލަތް ލޫޓުވައި، ވައްކަންކުރުން އިންތިހާއަށް ގޮސްފައިވާކަމަށް ބުނެ، އެމްޑީޕީން ވެރިކަމަށް އައި ނަމަވެސް، އެންމެ ފަހުން ފެނިގެންދިޔައީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ބައިވެރިންނާއެކު ޑީލްތައް ހަދާ މަންޒަރުކަމަށެވެ.

ފެނަކަ ކުންފުނީގެ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވަނީ އެމްޑީޕީގެ ވެރިކަމުގައި ދައުލަތް ލޫޓުވުމުގެ ވާހަކަ ދައްކާއިރު، އެ ޕާޓީގެ އަމަލުތައް ހުރީ ދިމާ އިދިކޮޅަށް ކަމަށް ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލާނެކަމަށް ވެރިކަމަށް އައިއިރު ބުނި ނަމަވެސް، ރައީސް ސޯލިހުގެ ފަސް އަހަރުގެ ވެރިކަން ނިމިގެންދިޔައިރު ވެސް، ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު ވެސް ވައްކަމުގެ އެއްވެސް މައްސަލައެއް ބެލިފައެއް ނުވެއެވެ. ރައީސް އިބްރާހީމް ޞާލިހު އަތްޕުޅަށް ހުރިހާ ބާރެއް ޖަމާކޮށްފައި އޮތް ނަމަވެސް، އެއްވެސް މައްސަލައެއް ބެލުނުތޯ ސައީދު ސުވާލުކުރެއްވިއެވެ. އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމުގެ ބަދަލުގައި، ޑީލެއްގެ ތެރެއިން އެކަން އޮއްބާލީ ނޫންތޯ އޭނާ ފާހަގަކުރެއްވިއެވެ. ވައްކަން ގިނަވެގެން ކަންބޮޑުވެގެން އަންނަ ބަޔަކު ވެރިކަމަށް އައިސް އެންމެ ފުރަތަމަ ބަލަންޖެހޭ ކަންތައްތައް ނުބެލީ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި ފެނަކައިގެ ތެރޭގައި އުސޫލާ ހިލާފަށް ހިނގާދިޔަ ކަންތައްތަކުގެ ވާހަކަ އޭސީސީ ފަދަ ކަމާބެހޭ މިނިވަން މުއައްސަސާތަކުން ދެއްކި ނަމަވެސް، އެ މައްސަލަތައް ބެލިފައިނުވާކަމަށެވެ. ނަމަވެސް، މި ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ނުފޯރުވާނެކަމަށާއި، މިއަދު އެ މުއައްސަސާތަކުން ހިޔާނާތާގުޅޭ މައްސަލަތައް މިނިވަންކަމާއެކު ބަލަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެމްޑީޕީ ވެރިކަމުގައި އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބެލުމުގެ ބަދަލުގައި ޑީލް ހެއްދެވިކަމަށް ސައީދު ތުހުމަތުކުރައްވައިފައިވާއިރު، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކޯޓުން ހުކުމްކުރި ކުރީގެ ނައިބުރައީސް އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ޒިޔަތަށް ރައީސް ސޯލިހުގެ ވެރިކަމުގައި ވަނީ އެބޭފުޅުންގެ އަދަބު ލުއިކޮށްދެއްވައި މައާފްދެއްވާފައެވެ.