ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތިން ބެއިން ހައްޔަރުކޮށް، ގިނަ އަދަދެއްގެ ވޭޕާއި މަސްތުވާތަކެތި ހޯދައިފި

ތިން ބެއިން ހައްޔަރުކޮށް، ގިނަ އަދަދެއްގެ ވޭޕާއި މަސްތުވާތަކެތި ހޯދައިފި

ކަސްޓަމްސްއާ ގުޅިގެން ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ވޭޕް ޑިވައިސްއާއި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ތަކެއްޗާއި، 111,880 ރުފިޔާގެ އިތުރުން ރާއްޖެއަށް އެތެރެކުރުން މަނާ އެހެނިހެން ތަކެއްޗާއެކު އެއްބަނޑު ތިން ބެއިން ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އިއްޔެ، ކޯޓު އަމުރެއްގެ ދަށުން ތިން އެޕާޓްމަންޓެއް ބަލައިފާސްކުރުމަށްފަހުގައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ތިން މީހުންނަކީ ލ. މާބައިދޫ / ސޭޑީކޯނަރ، ނަޝްވާން މުޙައްމަދު (32އ) އާއި ނަޙުޒާން މުޙައްމަދު (25އ) އަދި ނަބުހާން މުޙައްމަދު (22އ) އެވެ. ހަތަރު މީހަކަށް އަމާޒުކޮށްގެން ހިންގި މި އޮޕަރޭޝަނުގައި، އެ ތަނުން އެކަކު ދުއްވި ސައިކަލެއް ވެސް ބަލައިފާސްކުރެވުނެވެ.

ފުލުހުން ބުނި ގޮތުގައި، ބަލައިފާސްކުރި އެޕާޓްމަންޓުތަކާއި ސައިކަލުން ގިނަ އަދަދެއްގެ ވޭޕް ޑިވައިސްތަކާއި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ތަކެއްޗާއި، 111,880 ރުފިޔާ ފެނިފައިވެއެވެ. މީގެ އިތުރުން، ރާއްޖެއަށް އެތެރެކުރުން މަނާ އެހެނިހެން ތަކެތި ވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި އޮޕަރޭޝަނުގައި، ރާއްޖެއަށް އެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެއްޗާއި، އެ ތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބޭނުންކުރާ ޗެނަލްތަކާއި، ހަތަރު މީހުންގެ މޯބައިލް ފޯނުތައް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރުކުރެވުނު ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ނަޝްވާން މުޙައްމަދު (32އ) އާއި ނަޙުޒާން މުޙައްމަދު (25އ) ޝަރުތުކުރުމަށްފަހު ކޯޓުން ދޫކޮށްލާފައިވެއެވެ. ނަމަވެސް، ނަބުހާން މުޙައްމަދު (22އ) ތިން ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ ހަތަރުވަނަ މީހާގެ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި އޭނާ ހައްޔަރުނުކުރި ސަބަބެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.