ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމެންޓް ނޮވެމްބަރުގައި ނިމޭނެ: އެމްޓީސީސީ
މާލޭގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެގްމެންޓުގެ މަސައްކަތް، އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. މި މަޝްރޫއަކީ 144 މިލިއަން ރުފިޔާގެ ބިޔަ މަޝްރޫއެކެވެ.
އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓްސް މެނޭޖަރ ޝަރުވަސް ޢަބްދުﷲ ފާއިޒް، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މަޝްރޫއުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ. އަދި ބަނދަރުގެ ޝީޓްޕައިލިންގގެ މަސައްކަތް މިހާރު ވަނީ ނިމިފައިކަން އޭނާ ފާހަގަކުރެއްވިއެވެ. ފުރަތަމަ ސެގްމެންޓްގައި 132 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލް ކުރެވިފައިވާ ކަމަށްވެސް ޝަރުވަސް ވިދާޅުވިއެވެ.
ޝަރުވަސް ވިދާޅުވީ، "އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކުރިއަށް އޮތް ހަ ދުވަހުގެ ތެރޭގައި ނިމޭނެ. އޭގެ ފަހުން މަގުގެ މަސައްކަތްތައް ފަށާނަން. މީގެ ތެރޭގައި ހޮޅި ވަޅުލުމާއި، ސެޓްލްމަންޓް ޓޭންކް ބެހެއްޓުމާއި، ތާރުގެ މަސައްކަތްތައް ހިމެނޭ."
Ads by BMLބޮޑުތަކުރުފާނު މަގުގެ މަޝްރޫއު ކުރިއަށްދަނީ ޖުމްލަ ފަސް ސެގްމެންޓަކަށް ބަހާލައިގެންނެވެ. ފުރަތަމަ ސެގްމެންޓްގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހަމައަށްވާ ސަރަހައްދެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގެއް ތަރައްޤީ ކުރެވޭނެއެވެ. އަދި ތަރައްޤީކުރާ މަގުގައި ހަތަރު ލޭނާއި ހިނގާ މީހުންނަށް ޚާއްސަ ސަރަހައްދެއްވެސް ހިމެނޭނެއެވެ. މީގެ އިތުރުން 737 މީޓަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރެވޭނެއެވެ.
މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް ސަރަހައްދުގައި މި މަސައްކަތްތައް ކުރިއަށްދާތީ، ބަނދަރު ސަރަހައްދު ބޭނުންކުރުމުގައި ވަގުތީ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.
Ads by MACL
