މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން، 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން، ރިޝްވަތުގެ ދެ ދައުވާއެއްގައި ކުށް ސާބިތުވެ، 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ، ޕީޕީއެމްގެ ސަރުކާރުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވިއިރު، އެ ކުންފުންޏަށް ބައެއް ތަކެތި ގަތުމަށް ހަވާލުކުރި ކުންފުންޏަކުން ރިޝްވަތު ނެންގެވި ކަމަށް ބުނެ އެވެ.
ކުށް ސާބިތުވެ، އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާ ކުރިއަށް ދިޔަ އެވެ. ގާނޫނުލްއުގޫބާތުގެ ދަށުން ރިޝްވަތުގެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ކަމަށް ވީ ނަމަވެސް، ދައުލަތުން އެދުނީ އަދަބުގެ ދަރަޖަ މަތިކޮށް، ބޮޑު އަދަބެއް ދިނުމަށެވެ.
Ads by BMLޕީޕީއެމްގެ ސަރުކާރު ނިމުމާއެކު، މައުމޫންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށުމުން އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެން ގިނަ ދުވަސްތަކެއް ވަންދެން ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. ނަމަވެސް، މިދިޔަ އަހަރު ކުރީކޮޅު އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އަދި މިދިޔަ އަހަރު އޭނާ އަމިއްލައަށް ރާއްޖެ ވަޑައިގަތުމާއެކު، އޭނާ ފުރުން މަނާކުރި އެވެ.
މައުމޫންގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު، އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްޔެ ވަނީ ކްރިމިނަލް ކޯޓުން އިއްވައިފަ އެވެ.
Ads by MACL
