ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަޖިލީހުގެ ތިންވަނަ ދައުރު ބުރާސްފަތިން ފަށަނީ: މުހިންމު ބިލުތަކަކަށް ތައްޔާރު!

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް

ދޮޅުމަސް ދުވަހުގެ ޗުއްޓީއަށްފަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބޭއްވުމަށް ތާވަލުކޮށްފި އެވެ. މި ދައުރުގައި އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތުގެ އިތުރުން ސަރުކާރުން ހުށަހަޅާ ގިނަ މުހިންމު ބިލުތަކަކަށް މަޝްވަރާކޮށް ފާސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މަޖިލިސް އިދާރާއިން މެންބަރުންނަށް މިހާރު ވަނީ އަންނަ ބުރާސްފަތި ދުވަހު ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. 'ދައުރު'އަށް މައުލޫމާތު ދެއްވަމުން މަޖިލިސް އިދާރާގެ އޮފިޝަލަކު ވިދާޅުވީ، އަދި ޖަލްސާގެ އެޖެންޑާ ފައިނަލް ނުވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮންމެ އަހަރެއްގެ މަޖިލީހުގެ ޖަލްސާތައް ބެހިގެންވަނީ ތިން ދައުރަކަށެވެ. އެއީ ފެބްރުއަރީން 15 މޭއަށް ފުރަތަމަ ދައުރު، ޖޫން އިން 15 އޮގަސްޓަށް ދެވަނަ ދައުރު، އަދި އޮކްޓޯބަރުން ނޮވެމްބަރަށް ތިންވަނަ ދައުރެވެ.

ގަވާއިދުގައިވާ ގޮތުން ކޮންމެ ދައުރެއްގެ ފުރަތަމަ ޖަލްސާ ބާއްވަނީ އެ ދައުރެއް ފެށޭ ތާރީޚާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހު އެވެ. އާންމުކޮށް ބުރާސްފަތި ދުވަހަކީ މަޖިލިސް ޖަލްސާ ބާއްވާ ދުވަހެއް ނޫނެވެ. ޖަލްސާތައް އާންމުކޮށް އޮންނަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ.

މިދިޔަ ދޮޅުމަސް ދުވަހު މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް، ދައުރުން ބޭރުން ހަތަރު ޖަލްސާއެއް ބާއްވާފައިވެ އެވެ. މި ޖަލްސާތަކުގައި މީޑީއާ ކޮންޓްރޯލް ބިލު އަވަސް އަރުވާލައިގެން ފާސްކުރުމުގެ އިތުރުން ބައެއް މިނިވަން މުއައްސަސާތަކަށް އައްޔަން ކުރާ މީހުންނަށް ވަނީ ރުހުން ދީފަ އެވެ.

ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލީ، ދައުރު ހަފްތާއަކަށް ދިގުދަންމައި، ދެތިން ޖަލްސާއެއް ބޭއްވުމަށްފަހު، މިދިޔަ މަހު 21 ގައެވެ. އިތުރު ކުރި މުއްދަތު ހަމަނުވަނީސް މަޖިލިސް ޗުއްޓީއަށް ދިޔައިރު، އެންމެ ބޮޑު ކަމަކަށް ކުރީ މީޑީއާ ކޮންޓްރޯލް ބިލު މަޖިލީހަށް ހުށަހެޅުން އެވެ.

މި ބުރާސްފަތީގައި ފެށޭ މަޖިލީހުގެ ތިންވަނަ ދައުރަކީ ސަރުކާރުގެ މުހިންމު ގިނަ ބިލުތަކަކާއި އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ދައުރެއް ކަމަށް ލަފާކުރެވެއެވެ.