ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޮރަޕްޝަނާ ދެކޮޅަށް ނަޝީދު ކޮންފަރެންސެއް ބާއްވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ---
ކުރީގެ ރައީސް މުހައްމަދު ނަޝީދު ---

ކޮރަޕްޝަނާއި މަގާމުގެ ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތައް އިތުރުވެ، މިފަދަ ކުށްތަކަށް ސިޔާސީ ބޭފުޅުންނަށް ހުކުމް ކުރެވެމުންދާ ދަނޑިވަޅެއްގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮރަޕްޝަނާ ދެކޮޅަށް ހާއްސަ ކޮންފަރެންސެއް ބޭއްވުމަށް ނިންމަވައިފި އެވެ.

މިކަން މިރޭ އިއުލާން ކުރައްވާފައިވާއިރު، މި ކޮންފަރެންސްގެ މަގުސަދަކީ ކޮރަޕްޝަންގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި، ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު އަލުން އިޔާދަ ކުރުމެވެ.

ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ކޮންފަރެންސްގެ ތާރީހާއި ބޭއްވޭނެ ތަނާއި އެޖެންޑާ އަންނަ ހަފުތާގައި އާންމު ކުރެވޭނެ އެވެ. އަދި މި ކޮންފަރެންސްގައި މަރުކަޒީ ބޭންކު އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަދި ނަޝީދުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް އާއި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މަހުމޫދު ރާޒީގެ ބައިވެރިވުމާއި އެހީތެރިކަން ލިބޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މި ކޮންފަރެންސަކީ އާންމުންގެ ބައިވެރިވުމާއި ގާނޫނީ ވަކާލާތުގެ ތެރެއިން ކޮރަޕްޝަނާ ދެކޮޅަށް ދިގު ރާސްތާގައި ފަށާ ހަރަކާތެއްގެ ފެށުން ކަމަށް ނަޝީދުގެ އޮފީހުން ބުންޏެވެ. މި ކޮންފަރެންސްގައި ގާނޫނީ ތަޖުރިބާކާރުންނާއި މަދަނީ މުޖުތަމައުގެ ލީޑަރުންނާއި ނޫސްވެރިންނާއި ބައިނަލްއަގްވާމީ އޮބްޒާވަރުން ބައިވެރިވެ، އެކި ސަރުކާރުތަކުގައި ހިންގާފައިވާ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ބަލައި ތަހުލީލު ކުރެވޭނެ އެވެ.

ނަޝީދު ވިދާޅުވީ، ކޮރަޕްޝަނަކީ ހަމައެކަނި ފައިސާ ވަގަށް ނެގުން ނޫން ކަމަށާއި، އެ ވައްކަމުގައި ދިވެހިންގެ ކިބައިން ފޭރިގަނެވެނީ ފުރުސަތާއި އަބުރާއި އިއްޒަތް އަދި އިންސާފު ކަމަށެވެ. މި ކޮންފަރެންސްގެ ތެރެއިން، ދިވެހިރާއްޖޭގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާއި އިތުބާރު އިޔާދަ ކުރުމަށާއި، ޕަބްލިކް އޮފިޝަލުންގެ އިތުބާރު ގެއްލިފައިވާ ފަރާތްތައް ޒިންމާދާރު ކުރުމަށް ފުޅާ މަސައްކަތެއް ކުރެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މި ކޮންފަރެންސްގައި ވިސްލްބްލޯވަރުންނާއި ކޮރަޕްޝަންގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހެކިބަސް ނަގާނެ ކަމަށް ނަޝީދުގެ އޮފީހުން ބުންޏެވެ. އަދި ލިޔެކިޔުން މުތާލިއާކޮށް، ގާނޫނީ އިސްލާހުތަކާއި ދެފުށް ފެންނަ އިޖުރާއަތްތަކާއި އުސޫލުތައް ހެދުމަށާއި، ބައިނަލްއަގްވާމީ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން އިސްތިރާޖީ މަޝްވަރާތައް ކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މި ކޮންފަރެންސަށް ތައްޔާރުވަމުން އަންނަނީ، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްޔެ އިއްވާފައިވަނިކޮށެވެ.

މީގެ އިތުރުން، ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާއެއް ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށްލާން އެ ކޯޓުން މިރޭ ވަނީ ހުކުމްކޮށްފަ އެވެ. މައުމޫންގެ މައްޗަށް ކުރި ހަތް ދައުވާގެ ތެރެއިން ސާބިތުވީ ދެ ދައުވާއެވެ. ބާކީ ދައުވާތަކުގެ ހުކުމް އިއްވާނެ ތާރީހެއް ކޯޓުން އަދި ކަނޑައެއް ނާޅަ އެވެ. ސައީދުގެ މައްޗަށް ވެސް އިތުރު ދައުވާތައް އުފުލައި، މައްސަލަތައް އަންނަނީ ތަހުގީގު ކުރަމުންނެވެ.