ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބައިނަލްއަޤުވާމީ މައިދާނުގައި އަޑުއުފުލުމުގައި ޗައިނާ އަކީ ދިވެހިރާއްޖޭގެ ސާބިތު ބައިވެރިއެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް

ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަމާއި ހަމަހަމަކަމާ މެދު ބައިނަލްއަޤުވާމީ މައިދާނުގައި އަޑުއުފުލުމުގައި ޗައިނާ އަކީ ދިވެހިރާއްޖޭގެ ސާބިތު ބައިވެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީއާއި، ވިލުންވެރިކަމާއި، ހަމަހަމަކަމަށް ބައިނަލްއަޤުވާމީ މައިދާނުގައި ވަކާލާތުކުރުމުގައި ޗައިނާއަކީ ދިވެހިރާއްޖެ އަދި އެހެނިހެން ކުދި ޖަޒީރާ ޤައުމުތަކުގެ ސާބިތު ބައިވެރިއެއް ކަމުގައެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ޗައިނާގެ 76 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖާފަތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ޗައިނާއަކީ ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށް މުހިންމު ދައުރެއް އަދާކުރާ ބައިވެރިއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ވަނީ އަރިސްކުރައްވާފައެވެ. ގިނަ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް (މަލްޓިލޭޓަރަލިޒަމް) ޗައިނާއިން ދޭ އަހަންމިއްޔަތުކަމާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙައްޤުގައި އެ ޤައުމުން އަދާކުރާ ދައުރަށް ރައީސް ވަނީ ޚާއްސަ އިޝާރާތެއް ކުރައްވާފައެވެ. މީގެ އިތުރުން، އެއްވެސް ޤައުމެއް ބާކީ ނުވާނޭ ފަދަ ދުނިޔެއެއް ބައްޓަންކުރުމަށް ދިވެހިރާއްޖެއާއެކު ޗައިނާއިން ކުރާ މަސައްކަތްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޗައިނާގެ ތާރީޚު ސިފަކުރެއްވީ، އިންސާނީ ޤާބިލުކަމާއި، ހިންމަތްތެރިކަމުގެ ރިވެތި މިސާލެއްގެ ގޮތުގައެވެ. ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަކީ ހަމައެކަނި އެއްބަސްވުންތަކަށްވުރެ މާ ފުޅާ ގުޅުމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ދެ ޤައުމުން ހިއްސާކުރާ ތަޖުރިބާތަކާއި، އެކުގައި ކުރާ ދަތުރުތަކާއި، އަދި ދެ ޤައުމުގެ ދެމެދު ޤާއިމުވެފައިވާ އިޚުލާޞްތެރި ރަޙުމަތްތެރިކަމަކީ މި ގުޅުމުގެ މުހިންމު ބިންގާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ރަޙުމަތްތެރިކަމުގެ ނަތީޖާ ދިވެހިރާއްޖޭގެ ތަރައްޤީގެ އެކި ދާއިރާތަކުން ފެނިގެންދާކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި އެއް މުޖުތަމަޢު އަނެއް މުޖުތަމަޢާ ގުޅުވައިދޭ ފާލަންތަކާއި، ދިވެހި އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ގެދޮރާއި، ޒުވާން ދިވެހި ދަރިވަރުންނަށް ތަޢުލީމުދޭ ކުލާސްރޫމްތައް ހިމެނެއެވެ. މީގެ އިތުރުން، ޗުއްޓީ ހޭދަކުރުމަށް ދިވެހިރާއްޖެއަށް އަންނަ އެތައް ހާސް ޗައިނާ ރައްޔިތުންގެ ސަބަބުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ ދިރުންހުރި ފާލަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ސިޔާސީ، ޘަޤާފީ، ތަޢުލީމީ އަދި ވިޔަފާރީގެ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި އަދި އުފާފާގަތި މުސްތަޤުބަލަކަށް ވާސިލުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ އުންމީދު އެމަނިކުފާނު ވަނީ ފާޅުކުރައްވާފައެވެ.