ޝަންގްރިއްލާ ހުޅުވުން: އައްޑޫގެ އިޤްތިޞާދަށް އާ އުންމީދެއް!
އައްޑޫ ސިޓީގެ ހިތްގައިމު ވިލިނގިލީގައި އޮންނަ މަޝްހޫރު ޝަންގްރިއްލާ ރިސޯޓު، މި އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އަލުން ހުޅުވުމަށް ނިންމާފައިވާކަން، ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވަނީ ހާމަކުރައްވާފައެވެ.
މިކަމަކީ ކޮވިޑް ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު ރިސޯޓު ބަންދުކުރި ފަހުން، އައްޑޫގެ ރައްޔިތުން ކެތްތެރިކަމާއެކު އިންތިޒާރުކުރަމުން އައި ކަމެކެވެ. ރިސޯޓު އަލުން ހުޅުވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއްވެސް މެއެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް އައްޑޫގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށް ވެފައިވަނީ ޝަންގްރިއްލާއިން އަލުން ޚިދުމަތްދޭން ފެށުމާއި، ހަންކެޑެ މަޝްރޫޢު އަލުން ފެށުމެވެ. މިހާރު ޝަންގްރިއްލާ ހުޅުވުމަށް ނިންމާފައިވާއިރު، މިއީ އައްޑޫގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ.
Ads by BMLނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ތޯރިގް ވިދާޅުވީ، ފާއިތުވި މަސްތަކުގައި ޝަންގްރިއްލާގެ ވެރިންނާ އެކު ކުރެވުނު މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށާއި، އައު އަހަރާ ދިމާކޮށް އެ ރިސޯޓު ހުޅުވުމަށް އެ ކުންފުނިން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ވެސް އެ ރިސޯޓު ވަރަށް ރީތިކޮށް ބަލަހައްޓަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ އެންމެ ފަހުގެ ކަންކަން ނިންމައި، ހުޅުވޭނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ރިސޯޓު ހިންގުމުގައި އެ ބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކަނެކްޓިވިޓީ ނުވަތަ ދަތުރުފަތުރުގެ ދަތިކަން ކަމަށް ވަޒީރު ފާޅުކުރެއްވިއެވެ. އެކަން ޙައްލުކުރުމަށްޓަކައި މިހާރު އައްޑޫގެ އެއާޕޯޓަށް އިތުރުކުރެވޭ ބައިތަކާއި އަދި މޯލްޑިވިއަން އާއި ގުޅިގެން މި ކަންބޮޑުވުންތަކަށް ޙައްލެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
2009 ވަނަ އަހަރު ހުޅުވުނު ޝަންގްރިއްލާ ރިސޯޓު، ކޮވިޑް ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު ބަންދުކުރިއިރު، 580 މުވައްޒަފުން އެ ރިސޯޓުގައި މަސައްކަތްކުރަމުން ދިޔައެވެ. ރިސޯޓު އަލުން ހުޅުވުމަކީ އެތައް ބަޔަކަށް ވަޒީފާގެ ފުރުޞަތުތައް އަލުން ފަހިވެގެންދާނެ ކަމެއްގެ އިތުރުން، އައްޑޫގެ ފަތުރުވެރިކަމަށް އާ ރޫޙެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ.
ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަކީ އައްޑޫގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެކެވެ.
Ads by MACL
