ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރުމަށް އެމްއެންޑީއެފްގެ ޚާއްޞަ އޮޕަރޭޝަނެއް!
މި ދުވަސްވަރަކީ ކަނޑުމަތީގެ ހާދިސާތައް ގިނަވެ، ރައްކާތެރިކަމަށް އިތުރަށް ސަމާލުކަން ދޭންޖެހޭ ދުވަސްވަރަކަށްވާތީ ލައިސަންސް ނެތި އުޅަނދުފަހަރު ދުއްވުމާއި ސަލާމަތީ ގަވާއިދުތަކާ ޚިލާފުވުން ފަދަ ކަންކަމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ގިނަވަމުންދާތީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ވަނީ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މި އޮޕަރޭޝަނުގެ މައިގަނޑު މަގްސަދަކީ، ދަތުރުކުރާ ފަރާތްތަކުގެ ފުރާނައާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. ޗެކްކުރެވޭ ކަންތައްތަކުގެ ތެރޭގައި، އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރެވިފައިވޭތޯ ބެލުން ހިމެނެއެވެ.
ޗެކްކުރެވޭ މުހިންމު ބައެއް ކަންތައްތައް:
Ads by BML-
މެރިން ވީއެޗްއެފް: އުޅަނދުގައި މެރިން ވީއެޗްއެފް ހުރިތޯއާއި އެއީ މަސައްކަތްކުރާ އެއްޗެއްތޯ ބެލުން.
-
ލައިސަންސް: އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ކަށަވަރުކުރުން.
-
ސަލާމަތީ އާލާތްތައް: ދަތުރުވެރިންގެ ސަލާމަތަށް ބޭނުންވާ ލައިފް ޖެކެޓް، ފަސްޓް އެއިޑް ކިޓް ފަދަ އާލާތްތައް ފުރިހަމައަށް ހުރިތޯ ބެލުން.
-
އުޅަނދުގެ ޙާލަތު: އުޅަނދު ދަތުރުކުރެވޭ ފަދަ ރައްކާތެރި ޙާލަތެއްގައި ހުރިތޯ ބެލުން.
މި އޮޕަރޭޝަން ކުރިއަށްގެންދަނީ އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑްތައް ވެސް ބައިވެރިވެގެންނެވެ. ރަށްރަށުގެ ބަނދަރުތަކުން ފުރާ އުޅަނދުތަކާއި ބަނދަރުތަކަށް ވަންނަ އުޅަނދުފަހަރު ވެސް ޗެކްކުރުމަށް ވަނީ ހަމަޖެހިފައެވެ. ކަނޑުމަތީގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުފަހަރު އޮޕަރޭޓްކުރަމުންދޭތޯ ބަލައި، ޚިލާފުވާ ފަރާތްތަކަށް އިސްލާހީ ފިޔަވަޅުތައް އަޅާނެއެވެ.
އެމްއެންޑީއެފް އިން ވަނީ މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
Ads by MACL
