ކިންގް ސަލްމާން މިސްކިތުގެ އިސްލާމިކް ލައިބްރަރީ ހުޅުވިފައި ހުންނަ ވަގުތު އިތުރުކޮށްފި
ކިންގް ސަލްމާން މިސްކިތުގައި ގާއިމުކުރެވިފައިވާ އިސްލާމިކް ލައިބްރަރީ ހުޅުވިފައި ހުންނަ ގަޑި އިތުރުކުރުމަށް ނިންމަވައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ، އިސްލާމީ ޢިލްމު ފެތުރުމަށް ކުރިއަށްގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ޢާންމު ރައްޔިތުންނަށް ލައިބްރަރީން ލިބޭ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން މި ބަދަލު ގެނެސްފައިވާ ކަމަށެވެ. މިއަދުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 9:30 އަށް ލައިބްރަރީ ހުޅުވިފައި ހުންނާނެއެވެ.
މި ބަދަލާއެކު، ކުރިން ލައިބްރަރީ ބަންދުކުރަމުން އައި ވަގުތަށް ވުރެ ދިގު މުއްދަތަކަށް، ޢާންމުނަށް ލައިބްރަރީގެ ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ކިންގް ސަލްމާން މިސްކިތުގެ މި ލައިބްރަރީގައި އިސްލާމީ ޢިލްމުގެ އެކި ދާއިރާތަކުން ގިނަ އަދަދެއްގެ ފޮތްތައް ހުރިކަން ފާހަގަކޮށްލެވެއެވެ.
Ads by BMLމިނިސްޓަރު ޝަހީމް ކުރިންވެސް ވަނީ މިސްކިތްތަކުގައި ލައިބްރަރީތައް ގާއިމުކޮށް، މިސްކިތްތަކަށް އިތުރު ދިރުން ގެނައުމަކީ ސަރުކާރުން ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި، ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ދިވެހި އަދީބުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
Ads by MACL
