ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޮރަޕްޝަން ނައްތާލައި، ރައްޔިތުންގެ އިތުބާރު ހޯދުމަށް އިންޓަރނަލް އޮޑިޓްގެ ދައުރު މުހިންމު: ނައިބު ރައީސް

ކޮރަޕްޝަން ނައްތާލައި، ރައްޔިތުންގެ އިތުބާރު ހޯދުމަށް އިންޓަރނަލް އޮޑިޓްގެ ދައުރު މުހިންމު: ނައިބު ރައީސް

ކޮރަޕްޝަން ނައްތާލައި، ރައްޔިތުންގެ އިތުބާރު ހޯދުމަށް އިންޓަރނަލް އޮޑިޓްގެ ދައުރު މުހިންމުކަމުގައި ނައިބު ރައީސް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް 2025 ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ކޮރަޕްޝަނުން އެއްކިބާވެފައިވާ، ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ އަދި ރައްޔިތުންނަށް ފައިދާ ކުރަނިވި ތަންތަނަށް ހެދުމަށްޓަކައި އިންޓަރނަލް އޮޑިޓް ނިޒާމު ހަރުދަނާކުރަން ޖެހޭކަމަށެވެ. 

ޤައުމުގެ ހިންގުން ހަރުދަނާކޮށް، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ މަސައްކަތްތަކުން ރައްޔިތުންނަށް މަންފާ ލިބިދޭނެ ނިޒާމެއް ރާއްޖޭގައިވެސް ޤާއިމްކުރެވިފައިވާކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން 2006 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ދައުލަތުގެ މާލިއްޔަތު ޤާނޫނަކީ، ދައުލަތުގެ ފައިސާއާއި މުދާ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ބެލެހެއްޓި، އޮޑިޓްކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ޤާނޫނެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ނިޒާމުގެ ކާމިޔާބީ ބިނާވެފައިވަނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލްކަމުގެ މައްޗަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ނައިބު ރައީސް ވަނީ އިންޓަރނަލް އޮޑިޓަރުންނަށް ގޮވާލައްވާފައި، މި ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހިރާސްތައް ދެނެގަނެ، އިންޓަރނަލް ކޮންޓްރޯލްތައް ވަރުގަދަކޮށް، ރަނގަޅު ނަތީޖާތަކެއް ހާސިލްކުރުމަށް އަޒުމް ކަނޑައަޅާށެވެ. މިފަދަ ކޮންފަރެންސަކީ އެކަމަށް އެންމެ އެކަށޭނެ ވަގުތުކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިންޓަރނަލް އޮޑިޓަރުންގެ މިނިވަންކަން ކަށަވަރުކޮށް، އެބޭފުޅުންގެ އިރުޝާދުތަކާއި ލަފާތައް ތަންފީޒުކުރެވުމުން މެނުވީ ކޮރަޕްޝަން ނައްތާލައި، ރައްޔިތުންގެ އިތުބާރު ހޯދައި، މަންފާ ލިބިދޭނެ މުއައްސަސާތަކަށް ވެގެން ނުދާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އިދާރީ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ އިދާރާތަކަށް އާންމުން ކުރާ އިތުބާރު ދެމެހެއްޓުމުގައި އިންޓަރނަލް އޮޑިޓަރުން މުހިންމު ދައުރެއް އަދާކުރައްވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


އިންޓަރނަލް އޮޑިޓަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް މިސަރުކާރުން ޤަބޫލްކުރައްވާ ކަމަށާއި، އެކަންކަން ހައްލުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވައި މަސައްކަތް ކުރަމުންދާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، އިންޓަރނަލް އޮޑިޓަރުންނަށް ޚާއްސަކޮށް އޮނިގަނޑެއް އެކުލަވާލާފައިވާއިރު، ކައިރި މުސްތަޤްބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓަރނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ އުފާވެރި ޚަބަރުވެސް އެމަނިކުފާނު ދެއްވިއެވެ.


މިއަހަރުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސްގެ ޝިޢާރަކީ "ބަދަލުވަމުންދާ ވެއްޓެއްގައި ޖަވާބުދާރީ ކުރުވުމުގައި އިންޓަރނަލް އޮޑިޓްގެ ދައުރާއި، އާންމު މަސްލަހަތު ކުރިއެރުވުން" އެވެ. މި ޝިޢާރުގެ މުހިންމުކަމަށް އަލިއަޅުއްވައިލައްވަމުން ނައިބު ރައީސް ވިދާޅުވީ، ދުނިޔެ ބަދަލުވެ ތަރައްޤީވަމުންދާ ދިއުމުގައި އައު އީޖާދުތަކާއެކު ދިމާވެދާނެ ނޭނގޭ ހިރާސްތަކާއި ގޮންޖެހުންތަކަށް އޮޑިޓަރުން ފާރަވެރިވާން ޖެހޭނެ ކަމަށެވެ. ކަންކަން ގޯސްވުމުގެ ކުރިން އެކަންކަން ދެނެގަނެ، އިދާރާތަކުގެ އިންޓަރނަލް ކޮންޓްރޯލް ވަރުގަދަކުރެވިއްޖެނަމަ، ދައުލަތުން ހޭދަކުރާ ކޮންމެ ފައިސާ ފޮއްޗަކީވެސް އެންމެ ފުރިހަމަ މަންފާ ލިބޭނެ އެއްޗަކަށް ވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި، 2026 އިން 2028 އަށް އެކުލަވާލެވިފައިވާ ރިސްކް މެނޭޖްމަންޓް ފްރޭމްވޯކާއި، ސްޓޭޓް އިންޓަރނަލް ކޮމިޓީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ނައިބު ރައީސް ވަނީ އިފްތިތާހްކޮށްދެއްވާފައެވެ. މިފްރޭމްވޯކްތަކުގެ ސަބަބުން މާލީ އިދާރާގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ދިމާވާ ގޮންޖެހުންތައް ކުޑަކުރެވި، އިޤްތިސާދަށް ކުރިމަތިވެދާނެ ގެއްލުންތައް މަދުވެ، ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލްވުމަށް އެހީތެރިވެދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ނައިބު ރައީސް އުއްމީދު ކުރައްވާ ގޮތުގައި މި ކޮންފަރެންސަކީ އޮޑިޓް ދާއިރާގެ ފަންނީ ބޭފުޅުންގެ އިލްމާއި ތަޖްރިބާގެ އަލީގައި، ބައިވެރިންނަށް އައު ކަންކަން ދަސްވެ، ދާއިރާގައި ހުރި ހުރިހާ ހިރާސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރެވޭނެ ފުރިހަމަ މައުލޫމާތު ލިބިގެންދާނެ ކޮންފަރެންސަކަށް ވެގެންދާނެއެވެ.