ޒުވާނުން ބިނާކުރުމަށް ރައީސް މުޢިއްޒު އިސްކަންދެއްވައި، ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާޙުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާޙުކޮށްދެއްވައިފިއެވެ.
ޅ. މާފިލާފުށީގައި ހުންނަ ދިވެހި ޤައުމީ ދިފާޢީ ބާރުގެ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރގައި މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ވަޠަނީ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވުމުގެ ރަމްޒެއްގެ ގޮތުން ރައީސް މުޢިއްޒު ވަނީ، ދިވެހި ވަޠަނީ ޚިދުމަތުގެ ދިދަ ޙަވާލުކުރައްވާފައެވެ. އެމަނިކުފާނު މިކަމަށް އިސްކަންދެއްވަނީ، ޤައުމުގެ ކުރިއެރުމަށް ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައެވެ. ޚާއްޞަ ގޮތެއްގައި ޤައުމުދެކެ ލޯބިވާ، އިސްލާމް ދީން ދެކެ ލޯބިވާ، ފަޚުރުވެރި އަދި ހުނަރުވެރި ޒުވާނުން އުފެއްދުމަކީ، ބޮޑެތި ޢުމްރާނީ މަސައްކަތްތަކަށްވުރެވެސް މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ތަމްރީނުގެ ބައިވެރިންނަށް މުހިންމު އިލްތިމާސެއް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މި ތަމްރީނަކީ، އެ ބައިވެރިންގެ މުސްތަޤުބަލު އުޖާލާކޮށް، އުފާފާގަތިކަން ކަށަވަރުކުރުމަށް ލިބުނު ރަނގަޅު ފުރުޞަތެއްގެ ގޮތުގައި ދެކިގެން ކުރިއަށްދިއުމަށެވެ. މި ތަމްރީން ނިމޭއިރު އުފެދިގެންދާނީ، އުޅުންހުރި، ޤައުމީ އަދި ދީނީ ލޯބި ހިތްތަކުގައި އަށަގެންފައިވާ، ބާރުވެރި ޒުވާނުންގެ ޖީލެއް ކަމަށް ރައީސް ވިދާޅުވިއެވެ.
Ads by BMLދިވެހި ވަޠަނީ ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، އަދި ޖިސްމާނީ، ރޫޙާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ. މިއަދު ފެށުނު މި ނޭޝަނަލް ސަރވިސް އިނީޝިއަލް ތަމްރީނަކީ، ތިން މަސް ދުވަހުގެ ދިގު ޕްރޮގްރާމެކެވެ. މި ތަމްރީނުގައި ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމުގެ ރޫޙާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް ހުނަރުތަކާއި، ބަހުގެ ފެންވަރު ރަނގަޅުކުރުމުގެ ދިރާސާތައް ކުރިއަށްގެންދާނެއެވެ. މީގެ އިތުރުން ކަސްރަތާއި ހަށިހެޔޮކަމާއި، ހެވިކަމުގެ ތަމްރީނުތައްވެސް ދެވޭނެއެވެ. އަދި ފަސްޓް އެއިޑް، ފަޔަރ ފައިޓިން އަދި ސެލްފް ޑިފެންސް ފަދަ މުހިންމު ހުނަރުތައްވެސް ބައިވެރިންނަށް ދަސްކޮށްދޭނެއެވެ.
މި މުހިންމު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދައުލަތުގެ އިއްޒަތްތެރިންނާއި، ވަޒީރުންނާއި، ސަރުކާރާއި ޤައުމީ ދިފާޢީ ބާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިފަދަ ޚިދުމަތެއް ފެށިގެން ދިއުމަކީ ޤައުމަށްޓަކައި ޒުވާން ޖީލެއް ތަރުބިއްޔަތުކުރުމަށް ލިބުނު ފުރުޞަތެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
Ads by MACL
