ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްއޭަސީއެލްގެ މުވައްޒަފުންނަށް މުސާރައިގެ އިތުރަށް 25،000 ރުފިޔާގެ އަހަރީ ބޯނަސް ދީފި

އެމްއޭސީއެލްގެ ސާފު ފައިދާ ވަނީ ނިމިދިޔަ އަހަރު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް އަރާފައި ---
އެމްއޭސީއެލްގެ ސާފު ފައިދާ ވަނީ ނިމިދިޔަ އަހަރު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް އަރާފައި ---

ރާއްޖޭގެ އެންމެ ބޮޮޑު އެއް ކުންފުނި ކަމަށްވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން، އެ ކުންފުނީގެ ހީވާގި މުވައްޒަފުންނަށް މުސާރައިގެ އިތުރަށް 25،000 ރުފިޔާގެ އަހަރީ ބޯނަސްދީފިއެވެ. ކޮންމެ މުވައްޒަފަކަށްވެސް 25,000 ދިވެހި ރުފިޔާ ޖަމާކޮށްދީފައިވާއިރު، މިއީ ނިމިދިޔަ އަހަރުތަކެކޭވެސް އެއްގޮތަށް ދީފައިވާ ބޯނަހެކެވެ.

އެމްއޭސީއެލްއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ފައިދާވާ އެއް ކުންފުންޏެވެ. އަދި މުސާރައިގެ ބައެއް ޑޮލަރުން ދިނުމަކީ ވެސް އެ ކުންފުނީގެ ޚާއްސަ ކަމެކެވެ. ރާއްޖޭގެ މައި ވައިގެ ބަނދަރު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބަލަހައްޓާ މި ކުންފުނިން ކޮންމެ އަހަރެއްގައިވެސް މުވައްޒަފުންނަށް ބޯނަސް ދެމުން އާދެއެވެ. ނަމަވެސް، ފާހަގަކޮށްލަން ޖެހޭ ކަމަކީ، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކޯވިޑް-19 އާ ގުޅިގެން ޖެހިޖެހިގެން ދެ އަހަރު މުވައްޒަފުންނަށް ބޯނަސް ދީފައިނުވާ ކަމެވެ.

ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން އިގްތިސާދު ދަށަށް ދިޔުމަށްފަހު، އެމްއޭސީއެލްގެ ސާފު ފައިދާ ވަނީ ނިމިދިޔަ އަހަރު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް އަރާފައެވެ. އެންމެ ފަހުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، ޓެކްސް ދެއްކުމަށްފަހު އެ ކުންފުންޏަށް 1,081,461,000 ރުފިޔާގެ ފައިދާ ލިބިފައިވެއެވެ.

އެމްއޭސީއެލް އަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން މުވައްޒަފުންނަށް އެންމެ ރަނގަޅު ގޮތްތައް މަގުފަހިކޮށްދޭ އެއް ކުންފުންޏެވެ. މިދިޔަ ޖުލައި މަހު ހުޅުވުނު އައު ފަސިންޖަރުންގެ ޓާމިނަލްއާއެކު، އެ ކުންފުނިން ވަނީ އޮޕަރޭޝަންތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން އަލަށް ނަގައިފައެވެ.